ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ދެ ރަށެއްގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގައި އެއްގޮތް ފޮޓޯތަކެއް ހުރުމުން އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިގޮތަށް ފާޑު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދުގެ ޓްވީޓުގައި ދެ ރަށެއްގައި ހިނގާ މަޝްރޫއެއް ކަމަށް ވިދާޅުވެ ފޮޓޯތަކެއް އާއްމު ކުރެއްވިއެވެ. އޭގެތެރެއިން ދެ މަޝްރޫއުގައިވެސް އެއްގޮތް ފޮޓޯއެއް ވެއެވެ. ޝިޔާމް ވަނީ އޭނާގެ ޓްވީޓުގައި އެއްގޮތް ފޮޓޯ ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ ހދ. ވައިކަރަދޫ ގައި ކުރިޔަށް ގެންދާ މަޝްރޫއު ހދ. ނެއްލައިދޫގައި ކުރަމުންދާ ކަމަށް ވިދާޅުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ފެންނަ މަންޒަރުތަކުން ދެ މަޝްރޫއުގައިވެސް އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ އެއްގޮތް މަޝްރޫއުތަކެއް ހިންގާ ސަރުކާރެއް ކަމަށެވެ.
އިދިކޮޅު ޕީޕީއެމްއިން މިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ފަހު ސޯޝަލް މީޑިއާއިން ފެނިގެން ދަނީ، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖޭގެ ރަށްތަކުގައި ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ފޮޓޯތައް އާއްމު ކުރަމުން ގެންދާ މަންޒަރެވެ. އަދި ރައީސް އޮފީހުން ވެސް އިއްޔެ ވަނީ ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތަފާސް ހިސާބުތަކެއް އާންމު ކޮށްފައެވެ. އެ ތަފާސް ހިސާބުތަކުގައި މަޝްރޫއުތައް މިހާރު ގޮސްފައިވާ ހިސާބުވެސް ވަނީ އާންމު ކޮށްފައެވެ.