އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ވިލިމާލެ ދާއިރާއަށް ކުރިމަތިލާ ޕީޕީއެމްގެ ކެންޑިޑޭޓް، ނަހުލާ އަލީގެ ޖަގަހައަށް ގެއްލުން ދިން މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ވިލިމާލޭގައި ހުންނަ ސިޔާސީ ޕާޓީ އެއްގެ ޖަގަހައަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭ ދަންވަރު 3:15 ހާއިރު ކަމަށެވެ. އަދި އެއީ ވިލިމާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުންނަށް އެ ޖަގަހަ ކައިރީގައި ބަޔަކު އެއްވެފައި ތިބި މަންޒަރު ފެނުމުން ގޮސް، ބެލި އިރު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އެހެން މައްސަލައެއްގެ ތުހުމަތުގައި ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަހުލާގެ ޖަގަހައަށް ގެއްލުން ދިނުމުގެ ގޮތުން ބަޔަކު ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި، އެ ޖަގަހައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.