ދ. ކުޑަހުވަދުއަށް މިއަދު ހަވީރު ނަގޫރޯޅިއެއް އަރައި އެ ރަށުގެ ގެއެއްގެ ފުރާޅު އެއްލާލުމުން އެމްއެމްޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ނަގޫރޯޅިއެއް އަރައި އެއްލާލާފައި ވަނީ އެ ރަށު "މަނަސް" ގޭގެ ފުރާޅު ކަމަށާއި ފުރާޅު އެއްލައިލުން ފިޔަވައި އިތުރު ގެއްލުމެއް އެ ގެއަށް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެ ހާދިސާގައި މަނަސް ގޭގެ ފުރާޅުން 10 ގަނޑު ޓިނު ނެއްޓިފައިވާ އިރު އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫނެވެ.

އެ ހާދިސާއަށް ފަހު އެމްއެންޑީއެފްގެ ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެގޭގެ ފުރާޅު ހަދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:35 ހާއިރެވެ.