ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމައި އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް އަމާލް ކްލޫނީ ހަމަޖެއްސުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާލް ކުލޫނީ އަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެ މައްސަލައިގައި ރާއްޖެ ތަމްސީލު ކުުރުމަށް އަމާލް މަސައްކަތް ކުރަން ހަމަޖެހުމަކީ ވަރަށް ބޮޑަށް އުފާ ކުރައްވާކަމެއް ކަމަށެވެ.
އަދި ރޮހިންޔާ މިސްލިމުންގެ ހައްގުގައި ރާއްޖެއިން ތެދުވިއިރު، ދިވެހިންނަކީ ރަނގަޅު މުސްލިމުން ކަމަށާއި އެހެން ގައުމުތަކުގެ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިވުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާލުވެފައެވެ.
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ރޮހިންޔާގެ މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަން ނިންމާފައިވާކަން އިއުލާން ކުރައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު، ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދެވެ.
ޝާހިދު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަމަށެވެ. އަދި ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ
އަމާލް ކުލޫނީ ވަނީ އިންސާނީ ހައްގުތަކާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައެވެ. މިޔަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރުމުގެ އިތުރުން އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މީހެކެވެ.