ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު އެ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ހަމަޖައްސައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރަކު 17،000 މައްސަލަ ފުލުހުންނަށް ހުށަހެޅޭ ކަމަށެވެ. އެ ހުރިހާ މައްސަލައެއްގައި ޝަކުވާ ހުށަހަޅާ ފަރާތްތަކާއި ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެ ފަރާތަކުން ހުށަހެޅި މައްސަލައެއް ކުރިއަށްދާ ގޮތް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މައްސަލަތަކުގެ ތަހުގީގު ކުރާ ފަރާތާއެކު މުއާމަލާތްކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ ގެނައި ބަދަލާއެކު އާންމު ރައްޔިތުންނަށް އެ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު މިހާރަށް ވުރެ ފުރިހަމަށް ލިބިގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ފަށާ ހިސާބުން ފެށިގެން އެ މައްސަލައިގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރާއި ކޭސް ނަންބަރާއި މައްސަލަ ބަލަން ފެށިކަން ހުށަހަޅާ ފަރާތަށް އެސްއެމްއެސްއަކުން އަންގައެވެ.
ނަމަވެސް މިހާރު އެ ގެނެވުނު ބަދަލާއެކު ކުރިން ހިއްސާކުރަމުން ގެންދިޔަ މައުލޫމާތުގެ އިތުރުން މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރަމުން ގެންދާނެއެވެ.
އެ ހިދުމަތަށް ގެނެވުނު ބަދަލާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށާއި އެ ހިދުމަތަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ކަނޑައަޅާފައިވާ އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ލަނޑުދަނޑީގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި ގެނައި މުހިއްމު ބަދަލެއް ކަމަށްވެސް ފުލުހުން ބުނެއެވެ.