އުމްރާވެރިންނަށް ވިސާ ނުދޭނެ ކަމަށް ސައުދީ އަރަބިއާއިން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، އުމްރާއަށް ދިއުމަށް ރާއްޖެއިން ދެ ޓީމެއް މިހާތަނަށް ފުރާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ޓީމް ރޭ ފުރާފައި ވާއިރު އަނެއް ޓީމް ފުރާފައި ވަނީ މިއަދު ކަމަށް އަފްރާހް ވިދާޅުވިއެވެ.

އަފްރާހް ވިދާޅުވީ ރާއްޖެއިން އުމްރާއަށް ދާ މީހުން ހުއްޓުވުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވަނީ، އުމްރާވެރިންނަށް ވިސާ ނުދޭނެ ކަމަށް ސައުދީ އަރަބިއާއިން ރަސްމީކޮށް އަންގާފައި ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ފުރައިގެން ދިޔަ އުމްރާވެރިންނަށް ސައުދީއަށް ވަދެވޭނެތޯ އަދި އެކަންކަން އޮތީ ކޮން ގޮތަކަށްތޯ ސާފު ކުރުމަށް ރަސްމީ އިދާރާތަކާ ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

އުމްރާއަށް ދިއުމުގެ ކަންކަން އޮތީ ކިހިނެތްތޯ ބެލުމަށް ފަހު އެ މައުލޫމަތު އާންމު ކުރައްވާނެ ކަމަށް އަފްރާހް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި ވާއިރު، ހައްޖު ކޯޕަރޭޝަނުން ވަނީ ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި އެ ފިޔަވަޅާއެކު ހައްޖު ކޯޕަރޭޝަންގެ މާޗް އުމްރާ ކެންސަލްކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާޗްގެ އުމްރާވެރިން ދެން އަމަލު ކުރަންވީ ގޮތް އެ ކޯޕަރޭޝަނުން އަންގަމުން ގެންދާނެ ކަމަށެވެ. އަދި އުމްރާ ދަތުރާ ގުޅިގެން މާދަމާ ބާއްވަން ހަމަޖައްސާފައި އޮތް ތަމްރީން ބައްދަލުވުން ވެސް ކެންސަލް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ކޮރޯނާ ވައިރަސް މެދުއިރުމަތީގެ ގައުމުތަކަށް ވެސް ހަލުވި ކަމާއެކު ފެތުރެމުން ދާތީ، އޭގެ ސަބަބުން އުފެދިދާނެ ސިއްހީ ބަލިމަޑުކަމުން ސަލާމަތް ވާން ސައޫދީން ވަނީ އެ ގައުމަށް އެތެރެވުމުގައި ފިޔަވަޅުތަކެއް އަޅާފައެވެ.