މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި 4631 ފުޅި ބަނގުރަލާއި 32 ފުޅީގެ "ވައިން" ގެ އިތުރުން 6835 ކިލޯގެ އޫރުމަސް ހިމެނޭ ކަމަށެވެ.

ކަސްޓަމްސްއިން އެ ތަކެތި ނައްތާލާފައި ވަނީ އިއްޔެ ކ. ތިލަފުށީގައެވެ.

ކަސްޓަމްސް އިން ބުނީ، މި ތަކެތި ނައްތާލާފައިވަނީ، ކަސްޓްމަސްގެ އާންމު ގަވައިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މައްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

އެކި އެކި ސަބަބުތަކާ ހުރެ، ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫކުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ނައްތާލި ތަކެއްޗަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ހުރެ މުއްދަތު ހަމަވި ތަކެއްޗާއި، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ، ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗެވެ.