މާލެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުން މިރޭ މާލެ ސިޓީ ކައުންސިލުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރުމަށް މިރޭ 8:30 ގައި އިސްކަންދަރު ސްކޫލްގެ ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން މާލެ ސިޓީގެ ރައްޔިތުންނަށް މި ބައްދަލުވުމަށް އައުމަށް އެ ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މާލެ ރަށްވެހިންގެ ޖަމިއްޔާއިން ބުނީ، މިރޭ އިސްކަންދަރު ސްކޫލުގައި ބާއްވާ ޖަލްސާއަކީ މާލެސީޓީއާއި އެ ޖަމިއްޔާ ގުޅިގެން ބާއްވާ ޖަލްސާއެއް ނޫން ކަމަށެވެ. އަދި މި ޖަލްސާގައި މާލޭގެ ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ އިރު ބައްދަލުވުމުގައި ގިނަ އަދަދެއްގެ މާލެ ރަށްވެހިން ބައިވެރިވުމަކީ އެ ޖަމިއްޔާގެ ވަރށް ބޮޑު އެދުމެއް ކަމަށް އެފަރާތުން ބުނެއެވެ.

މާލެ ރަށްވެހިންގެ ޖަމިއްޔާއިން މާލެ ސިތީ ކައުންސިލްގެބ މޭޔަރު ޝީފާއާ ބައްދަލު ކުރެއްވުމުގެ ތެރެއިން

މާލެ ރަށްވެހިންގެ ޖަމިއްޔާއިން މިދިޔަ ހޯމަ ދުވަހު ވަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާ ބައްދަލުކޮށް އެ ޖަމިއްޔާގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އެ ޖަމިއްޔާގެ ރައީސް މުހައްމަދު ދިލްޗާން އަބްދުﷲ ވަނީ އެޖަމިއްޔާއިން މަލެ ސީޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް އަލިއަޅުއްވާލައްވާފައެވެ.

ދިލްޝާން ވިދާޅުވެފައި ވަނީ، އެހެނިހެން ރަށްރަށުގައިވެސް އެރަށެއްގެ ރަށްވެހިންނަށް އިސްކަންދޭ ފަދައިން މާލޭގެ ރަށްވެހިންނަށް އިސްކަންދީ، މިހާރު މި ގެންގުޅޭ ޕޮއިންޓް ސިސްޓަމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަން ދިނުމަށް އިއުލާން ކުރެވިފައިވާ ރަށްރަށުގެ އިއުލާންތަކަށް ބަލާލާއިރު އެރަށެއްގެ ރަށްވެއްސަކަށްވާ ނަމަ ޕޮއިންޓް އިތުރުވާ ކަން ފާހަގަކުރެއްވިއެވެ. ރަށްރަށުގައި ބޯހިޔާވަހިކަމުގައި ޕޮއިންޓް ދޭ އުސޫލު އެފަދައިން އޮންނަ އިރު މާލެ ރަށްވެހިންގެ ތެރެއިން ކުދިކުދި ތަންތަންކޮޅުގައި ތިބި މާލެ މީހުންނަށް އިސްކަން ނުދީ ހަމައެކަނި ދަފްތަރަށް ޓާގެޓްކޮށްފައިވާ ކަމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ދިލްޝާން ވިދާޅުވެފައި ވެއެވެ.

މާލޭގައި ދިމާވެފައި މިވާ ގިނަ މައްސަލަތަކަކީ ޒަމާންތަކަކަށް އެކަމުގައި ސަރުކާރާއި އާންމު ރައްޔިތުންގެ ވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް ހިމެނިގެން ގޮސްފައިވާ މައްސަލައެކެވެ. އަދި މާލޭގެ ރަށްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ވާހަކަތަކަކީ އެތައް ދުވަސްތަކެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. މިކަމުގައި އެތައް ބައެއްގެ ހިޔާލުތަފާތު ވުން ހުރެއެވެ. އެއް ބަޔަކު ސިފަކުރާ ގޮތުގައި މާލެއަކީ ހަމައެކަނި މާލެ މީހުންގެ ތަނެއް ނޫނެވެ. ނަމަވެސް މާލެ މީހުންނަށް އެހެން ރަށްރަށުން ގޯތި ނުލިބޭ ކަމަށް ބުނެ އެފަރާތްތަކުގެ ކަންބޮޑުވުންތައް މިހާރު މިވަނީ އިންތިހާއަށް ގޮސްފައެވެ.