ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުން އާސް އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ކޮރަޕްޝަން ކޮމިޝަނުން އާސް އިސްތިއުފާ ދެއްވާފައިވާކަން އިއުލާން ކުރައްވާފައި ވަނީ މިއަދު އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކުންނެވެ. އިސްތިއުފާ ދެއްވަމުން އާސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވަފައެވެ.
ނަމަވެސް، މި މަގާމުން އާސް އިސްތިއުފާ ދެއްވާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އާސް އިސްތިއުފާ ދެއްވުމާއެކު މިހާރުު އެ ކޮމިޝަނުގައި ތިއްބަވާނީ 4 މެންބަރުންނެވެ. އެއީ އެ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދާއި އައިމިނަތު ހަސަނާއި ފާތުމަތު ސަރީރާގެ އިތުރުން ނަދީމް އިބްރާހީމެވެ.
ކޮރަޕްޝަން ކޮމިޝަނަށް އާސް އައްޔަނުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ. ކޮރަޕްޝަން ކޮމިޝަނަކީ، 2012 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނެކެވެ. މި ކޮމިޝަނަށް ވަނީ އެފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ގާނޫނެއްގެ ދަށުން ދީފައެވެ.
ކޮރަޕްޝަން ކޮމިޝަނުން މިހާތަނަށް ތަހުގީގުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތަފްސީލު ހާމަކޮށްފައި ވަނީ އެންމެ މައްސަލައެއްގައެވެ. އެގޮތުން، އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލަ ތަހުގީގުކޮށް، ރައީސް ސޯލިހަށް ރިޕޯޓެއް ހުށަހަޅާފައެވެ. އެ ރިޕޯޓުގައި އެ ހިޔާނާތުން ދައުލަތަށް ގެއްލުނު ކަމަށް އަންދާޒާ ކުރެވުނު މިންވަރާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ ރަށްތަކުގެ މައުލޫމާތު ވެސް ވަނީ ތަފްސީލް ކޮށްދީފައެވެ.