ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް ތެޔޮ ޓޭންކަރެއް ގަންނަން އިއުލާނު ކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 29،000 ކިޔުބިކް މީޓަރާއި 36،000 ކިޔުބިކް މީޓަރާ ދެމެދުގެ ތެޔޮ ޓޭންކަރެއް ގަންނަން ބޭނުންވާ ކަމަށެވެ. ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ދޭއްގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންނަ މަހުގެ 12ގެ ކުރިން ބިޑު ޑޮކިޔުމެންޓު ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެ އުޅަނދަކީ ކްލީން ޕެޓްރޯލިއަމް އަށް ހާއްސަ އުޅަނދަކަށް ވާންޖެހޭނެ ކަމަށާއި ޖަޕާން، ދެކުނު ކޮރެއާ ނުވަތަ ޔޫރަޕުގެ ގައުމެއްގައި ބަނދެފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ބީލަމުގައި ބައިވެރިވެވޭނީ އުޅަނދުތަކުގެ ވެރިފަރާތްތަކާއި ބްރޯކަރުންނަށްކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެސްޓީއޯ އިން ވަނީ 2018 ވަނަ އަހަރު 25،000 ޓަނުގެތެޔޮ ބޯޓެއް ގެނެސްފައެވެ.