އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އުރީދޫއިން ބުނީ، 2020 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 29 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރަޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް އުރީދޫން ވަނީ އެދިފައެވެ. އަދި ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް ވެސް އުރީދޫން ވަނީ އެދިފައެވެ. މި ފޯމުތައް ހުށަހަޅަން ޖެހެނީ އުރީދޫގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާއަށް ކޮންމެ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުވާ ފަރާތްތަކުން [email protected] އަށް ވެސް އީމެއިލް ކުރެވޭނެއެވެ.
ޕްރީ-ރަޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އިން ނުވަތަ އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 ވޯޓު ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން، އަންނަ މާޗް 2 ވަނަ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރަޖިސްޓާ ކުރުމަށް އުރީދޫން އެދެއެވެ. ރަޖިސްޓާ ކުރަން ދާއިރު ދާން ޖެހެނީ ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެންނެވެ. ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓާ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާލެއިން ކުރުނބާ މޯލްޑިވްސް އަށް ވަޑައިގަތުމަށް ދަތުރު ހަމަޖައްސާފައި ވަނީ އުރީދޫގެ ފަރާތުންނެވެ. އެގޮތުން ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ މާޗް 2 ވަނަ ދުވަހުގެ ރޭގަނޑު 7:00، 7:15 އަދި 7:30 ގައެވެ.