ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމައި އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް އަމާލް ކްލޫނީ ހަމަޖެއްސުމާ ގުޅިގެން، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މިކަމުގައި އަމާލަށް ކަނޑައާޅާފައިވާ ފީއަކީ ގަޑިއިރަކަށް 30000 ރުފިޔާ ކަމަށް ނުރަސްމީ ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައި ވެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީއަށް ހުށަހަޅާފައި ވަނީ، އަމާލް އަދި އޭނާގެ ލޯ ފާމުގެ އެހެނިހެން ވަކީލުންނަށް ކަނޑައަޅާފައިވާ ފައިސާ ދޫކުރުން ހުއްޓުވުމަށް އެދިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އަމާލް ކްލޫނީއަށް ގަޑިއިރަކަށް 30000 ރުފިޔާ އަދި އޭނާގެ ލޯ ފާމުގެ އެހެން ވަކީލުންނަށް ގިނަ އަދަދަކުން ދައުލަތުގެ މާލިއްޔާއިން ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ. އެ ސިޓީގައި ބުނީ، މި މުއާމަލާތަކީ ދައުލަތުގެ މާލިއްޔާގެ ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތެއް ކަމަށެވެ.

އެ ސިޓީގައި ބުނީ، އަމާލްއާ މި މައްސައްކަތް ހަވާލުކޮށްފައި ވަނީ އެއްވެސް އިތުރު ފަރާތަކުން މި މަސައްކަތް ކޮށްދޭނެ އަގު ހޯދުމެއް ނެތި ސީދާ ސަރުކާރުން އަމާލްއާ މުއާމަލާތް ކޮށްގެން ކަމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނީ، މިފަދަ މަސައްކަތް ކުރެވޭނެ އެހެން ވަކީލުން ވެސް ދުނިޔެގައި ތިބިއިރު، މިފަދަ ބޮޑު އަގެއްގައި މި މަސައްކަތް އަމާލާއި ހަވާލުކޮށްފައި ވަނީ ވަކި ފަރާތަކަށް މަންފާ ލިބޭގޮތަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަމާލް ކްލޫނީ އަކީ މިހާރު ވެރިކަމުގައި ތިބި ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ. މައްސަލަ ހުށަހެޅި ފަރާތުން އެހެން ބުނެފައި ވަނީ، އަމލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މީހަކަށް ވާތީ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނީ، މި މަސައްކަތް މި އަގުގައި އަމާލާއި ހަވާލުކޮށް ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފިނަމަ، ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިދާނެ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި އަމާލް 5 ދުވަސް ހޭދަކުރި ނަމަވެސް ދައުލަތުން 5 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.