ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމައި އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް އަމާލް ކްލޫނީ ހަމަޖައްސައިފިއެވެ. އަމާލް ހަމަޖެއްސީ ކިހާވަރެއްގެ ފީއަކަށް ކަމެއް ސާފެއް ނުވެއެވެ. ނުރަސްމީ ބައެއް މަސްދަރުތަކުން ބުނެފައިވަނީ އަމާލްގެ ފީއަކީ ގަޑިއަކަށް 30000 ރުފިޔާ ކަމަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރާ ވަކީލް އަމާލް ވަނީ އިންސާނީ ހައްގުތަކާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައެވެ. މިއަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރުމުގެ އިތުރުން އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މީހެކެވެ.

ލޯޔަރަކަށް އަމާލް ކްލޫނީ ހަމަޖައްސާފައި ވާއިރު ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި މިއަދު ޝާހިދު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަމަށެވެ.

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުން މިއަންމާގެ ލީޑަރު "އަން ސަން ސޫކީ" ވިދާޅުވެފައި ވަނީ އެއީ "ގޯސް" ތުހުމަތުތަކެއް ކަމަށާއި އެ މައްސަލަ ފުރިހަމަނުވާ ކަމަށެވެ. އަދި ރަކީން ސްޓޭޓުގެ އާއްމުން މަރާ އަންހެނުން ރޭޕްކޮށް ގެތަކުގައި ހުޅުޖެހި ވާހަކަތައްވެސް އޭނާ ވަނީ ދޮގު ކުރައްވައިފައެވެ.