ރޮހިންޔާ މުސްލިމުންގެ ހައްގުގައި ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެއިން އަޑުއުފުލާނެ ކަމަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި މިއަދު ޝާހިދު ވިދާޅުވީ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަމަށެވެ.
ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ "ގަތުލުއާއްމު"ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިޔަންމާއަށް އަމުރުކޮށްފައެވެ. 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް އެ މައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ވަނީ ނިންމާފައެވެ.
އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވާނީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް އާމާލް ކްލޫނީއެވެ.
މިފަހަރުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައިވެސް ޝާހިދު ވަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.
ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުން، ހާއްސަކޮށް ކުޑަކުދިންނާ އަންހެނުން އުޅެމުންދާ ހާލާއި މެދު ރާއްޖެއިން ކަންބޮޑުވާކަމަށް މިނިސްޓާ ވިދާޅުވިއެވެ. އަދި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނަށް ލިބިފައިވާ ހައްގަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމަށާއި، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓާ ގޮވާލެއްވިއެވެ.
އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށް ފޮރިން މިނިސްޓާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންސާނީ ހައްގުތައް ރާއްޖެއިން މިހާރު ހާސިލްކޮށްފައިވާ ކަންތައްތަކަށްވުރެ އިތުރު ކަންތައްތައް ހާސިލްކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށެވެ.
މީގެ ކުރިން ރާއްޖެ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ފުރިހަމަކޮށްފައިއެވެ.
އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާބެހޭ ހުރި ގުޅުން ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޮ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ.