ޑެފް ކޮމިއުނިޓީއިން ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް، އުރީދޫއިން ވީޑިއޯ ކޯލް ހޮޓްލައިންއަކާއި އެކު ހިލޭ ވަޓްސްއެޕް އަދި ވައިބާ ވީޑިއޯ ކޯލްސް ކުރެވޭ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރުމަށް ޑެފް ކޮމިއުނިޓީ ތެރޭގައި އެންމެ ގިނައިން ބޭނުން ކުރެވެނީ ވީޑިއޯ މެސެޖާއި ވީޑިއޯ ކޯލްސް ކަމުން، އަޑު އިވުމުން މަހްރޫމް ވެފައިވާ ބޭފުޅުންނަށް އިތުރު ޑޭޓާ ބޭނުން ކުރަން ޖެހެއެވެ. "މަށާއެކު" ޕެކޭޖަކީ މި ގޮންޖެހުންތައް ދެނެގަނެ ފަސޭހަ ކަމާއެކު މުޢާމަލާތު ކުރުމަށް އުފެއްދުނު ޕެކޭޖެކެވެ.

އެ ޕެކޭޖްގެ ތެރެއިން ކަސްޓަމަރުންނަށް، "އެކު" ޕޯސްޓްޕެއިޑްގައި އެކުލެވިފައި ފައިދާތަކުގެ އިތުރުން ވައިބާ އަދި ވަޓްސްއަޕް މެދުވެރިކޮށް ވީޑިއޯ ކޯލްސް މުޅިން ހިލޭކުރެވޭނެ ކަމަށާ "އެކު" ޕޯސްޓްޕެއިޑަކީ މާކެޓުގައި މިހާރު އެންމެ ބޮޑު އެލަވަންސްއެއް ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖްތައް ކަމަށްވެސް އުރީދޫން ބުނެއެވެ.

މީގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން އާއި ގުޅިގެން އަޑުއެހުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އުރީދޫގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަ ކޮށްދީ، އުރީދޫ އާއި ކަސްޓަމަރުންގެ ގުޅުން އިތުރަށް ދެމެހެއްޓުމަށްޓަކައި އުރީދޫ ކަސްޓަމާ ސާރވިސްގެ 15 މުވައްޒަފުން ބޭސިކް ސައިން ލެންގުއެޖްއިން ތަމްރީނު ކުރެވިފައިވާ ކަމަށައި ސައިން ލެންގުއެޖް ބޭނުން ކުރައްވާ ފަރާތްތަކަށް ކަސްޓަމާ ކެއާގެ އެހީތެރިކަން ހޯދުމަށް ހާއްސަ ކުރެވިފައިވާ ވައިބާ ނަންބަރެއްވެސް (9611929) ގާއިމް ކުރެވިފައިވާ ކަމަށް އުރީދޫން ބުނެއެވެ.

އެ ވައިބާ ނަންބަރު މެދުވެރިކޮށް ވީޑިއޯ ކޯލް ގެ ޒަރިއްޔާއިން ސައިން ލެންގުއެޖް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އަޅުގަޑުމެން ޤަބޫލު ކުރަނީ ހިދުމަތް ދޭ ފަރާތްތަކަކީ ހުރިހާ ގިންތިއަކާއި ފަންތިއެއްގެ މީހުނަށް ހަމަހަމަ ކަމާއެކު ހިދުމަތް ފޯރުކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް. މިގޮތުން "މަށާއެކު " ޕެކޭޖް ލޯންޗް ކުރެވުމުން އުރީދޫ ކަސްޓަމާ ކެއާ އިން ފިޔަވަޅެއް ކުރިޔަށް އެޅި، ޑެފް ސޮސައިޓީ އާއިއެކު ބަދަހި ގުޅުމެއް އުފެދިގެން ދާނެކަމަށް ގަބޫލުކުރަން އުރީދޫއިން އަބަދުވެސް ދަނީ ކަސްޓަމަރުންގެ ދިރިއުޅުން ފަހިކޮށް ދިރިއުޅުމުގެ ފުރުސަތުތައް އިތުރަށް ފަހި ކޮށްދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން. އަދި ކުރިއަށް އޮތްތަނުގައިވެސް، އަޅުގަނޑުމެންގެ މި މަސައްކަތުގައި ފަސްނުޖެހި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އަރުވަން.
އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު

އެޑްމިނިސްޓްރޭޓިވް ޑިރެކްޓާ އޮފް މޯލްޑިވްސް ޑެފް އެސޯސިއޭޝަން، އަހުސަން އަބްދުއްރަޙްމާން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ އިސްނެގުމާއެކު ވަކި ބަޔަކު ބާކީނުވާނެ ގޮތަށް ހިދުމަތްތައް ފަރުމާކޮށް، ގޮންޖެހުންތައް ދެނެގަނެ ޑެފް ކޮމިއުނިޓީއަށް އެކަށޭނެ ޕެކޭޖެއް ލޯންޗް ކުރެވިގެން ދިޔަ ކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، އުންމީދަކީ ހިދުމަތް ފޯރުކޮށްދެއްވާ އެހެނިހެން ފަރާތްތަކުން މިފަދަ ކަންކަން ނަމޫނާއަކަށް ބައްލަވާ މިފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އަހުސަން ވިދާޅުވިއެވެ.

މަށާއެކު ޕޯސްޓަރެއް

އަޑު އެހުމުގެ ދަތިކަން ދިމާވެފައިވާ މީހެއްގެ ގޮތުގައި އެންސްޕާގައި ރަޖިސްޓާ ވެފައިވާ ކޮންމެ މީހަކަށްވެސް ޑެފްއެސޯސިއޭޝަން މެދުވެރިކޮށް މި ހިދުމަތަށް އެދެވޭނެއެވެ. އަދި މިހާރުން ފެށިގެން ޑެފްއެސޯސިއޭޝަންގެ މެދުވެރިކޮށް މި ހިދުމަތަށް އެދެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ހާއްސަ ކުރެވިފައިވާ ވައިބާ ހޮޓްލައިން ނަންބަރުން، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ހެދުނު 8:30 އިން ހަވީރު 4:30 އަށް ހިދުމަތް ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އުރީދޫގެ ހެޑްކުއާޓާސްގައި މިއަދު ބޭއްވި ހާއްސަ ހަފްލާގައި މަށާއެކު ޕެކޭޖް ތައާރަފް ކޮށްދީފައި ވަނީ "މޯލްޑިވްސް ޑެފް އެސޯސިއޭޝަން"ގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓާ އަހުސަން އަބަދުއްރަހްމާން އަދި އުރީދޫ މޯލްޑިވްސްގެ އެސިސްޓެންޓް މެނޭގާ ނޫރާ އިބްރާހިމް ޒާހިރެވެ.