އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.

ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީގީންކަން އަރުވައިދީ މެންބަރު ގައުމުތަކުގެ އަޑު އުފުލައިދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެންބަރޝިޕްގެ ބައްދަލުވުމެއްގައި މިއަދުއެވެ. މިނިސްޓާ ޝާހިދުވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވައި، މެންބަރު ގައުމުގެ އަޑު އުފުލައިދޭނެކަމުގެ ޔަގީންކަން ގައުމުތަކަށް އަރުވާފައެވެ.

2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ދިވެހިރާއްޖެއިން ފުރިހަމަކޮށްފައިވެއެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާ ބެހޭ ހުރި ގުޅުން ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ. ރާއްޖޭގެ މެންބާޝިޕް އިއުލާންކުރެއްވި ބައްދަލުވުމުގައި މިނިސްޓާ ޝާހިދުގެ އަރިހުގައި ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި، މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާރޖް ޑރ އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރާއްޖެއިން ކުރިމަތިލަނީ 2023 އިން 2025 އަށް ކުރިއަށްދާނެ ކައުންސިލް ދައުރުގެ ގޮނޑިއަކަށެވެ.