އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އިންތިހާބު ކުރުމަށް ނަގާނީ އިލެކްޓްރޯނިކް ވޯޓިންގް (އީ-ވޯޓް)އެއް ނަގައިގެން ކަމަށް އުރީދޫއިން ނިންމައިފިއެވެ.

އުރީދޫއިން ބުނީ، އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ "އެޖެންޑާ އައިޓަމް 10: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން" ގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމަށެވެ.

އަދި މިގޮތަށް ވޯޓުދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއް ވޯޓު ލިބިވަޑައިގަންނަވާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މާރިޗު މަހުގެ ދެވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި، އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެކަމަށް އުރީދޫއިން ބުނެއެވެ.