ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޮޅުންފިލުއްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާއިބެހޭ އިދާރާތަކަށް ރައީސް ވަނީ އިރުޝާދު ދެއްވައިފައެވެ.

އަދި އެ ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސްވަނީ އެ ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވިއެވެ.

އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސްވަނީ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދުދެއްވާފައެވެ.

އެ ބައްދަލުވުމުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ ސީނިއާ ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައެވެ.