"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިން އެދިއްޖެއެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި، ދެހާސް ދިހަ ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު ގެ ދަށުން މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގައި ލިޔުން ދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އަދި އެ މަސައްކަތް ކުރުމަށްޓަކައި ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާތީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ހުށަހަޅާ ހުށަހެޅުމާއެކު ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިބް ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގާ ދިން ލިޔުން ހުށަހަޅަން ވާނެ ކަމަށެވެ.

އަދި އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

އެ ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށައި މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުރިހާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.