ރާއްޖޭގެ ވަޒީފާ އަދާކުރާ މީހުންގެ 90 އިންސައްތަ ވަޒީފާ އޮތީ މާލެ ސަރަހައްދުގައި ކަމަށާއި އަތޮޅުތަކަށް ވަޒީފާތައް ގެންދަން ޖެހޭ ކަމަށް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގު (މަރޭ) ވިދާޅުވެއްޖެއެވެ.

"ދަޕްރެސް" އިން ލިޔެފައިވާ "ދައުލަތުގެ ރިކަރަންޓު ހަރަދު 1.6 ބިލިއަނަށް" މި ލިޔުން ޓްވީޓާގައި ޓްވީޓުކޮށް މަރޭގެ ޓްވީޓާގައި އޭނާ ވިދާޅުވީ މުސާރައިގެ ގޮތުގައި 830 މިލިއަން ހަރަދުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާގެ ތެރެއިން 90 ޕަސެންޓު ވަޒީފާތައް އޮތީ މާލެ ސަރަހައްދަށް ތޮއް ޖައްސާފައި ކަމަށާއި އަތޮޅު ތެރެއަށް ވަޒީފާތައް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ "ބެކް އޮފީސް"ތައް މާލޭގައި ހުންނަން ނުޖެހޭ ކަމަށެވެ.

ރަށްރަށުގައި ތަރައްގީގެ ކިތަންމެ ގިނަ މަޝްރޫއެއް ހިންގި ނަމަވެސް އެރަށެއްގައި ވަޒީފާ ނެތް ކަމަށް ވާ ނަމަ ވަޒީފާ ބޭނުންވެފައި ތިބޭ މީހުން އަންނާނީ އެކަމެއް ލިބޭ ތަނަކަށްކަން ފާހަގަކުރައްވާ މަރޭ ވިދާޅުވީ ދައުލަތުން މުސާރައިގެ ގޮތުގައި ހަރަދު ކުރަމުންދާ ފައިސާ މާލެ ނޫން ތަނެއްގައި ދައުރު ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ވަޒީފާއެއް މާލެ ސަރަހައްދަަށް ޖަމާވުމުން އަތޮޅު ތެރޭގެ ސިޔާސީ ބާރުވެރިކަންވެސް ނެތިގެންދާ ކަމަށެވެ.

"މާލެ ސަރަހައްދަށް މީހުން ޖަވާމެ ދަފްތަރު ބޮޑުވެ އެތައް މަޖިލިސް އަދި ކައުންސިލް ގޮނޑިއެއް ވަނީ އިތުރުވެފައި. ދެންވެސް ވާނީ އިތުރު،" މާރޭ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ހިންގުމުގެ ހަރަދު 1،645.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ހިންގުމުގެ ހަރަދުގެ ގޮތުގައި އެންމެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ މުސާރަ އާއި ޕެންޝަންގެ ފައިސާ އަށެވެ.

އެގޮތުން ހަމައެކަނި މުސާރާއާއި ޕެންޝަންގެ ފައިސާއަށް ދައުލަތުންވަނީ 831.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 39.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީގެ އިތުރުން ދައުލަތުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ދެން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށެވެ. އެއީ ޖުމްލަ 814 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދައުލަތުގެ ކެޕިޓަލް ހަރަދުތަކަށް ޖުމްލަ 903 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 381.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 2،657.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެތެރެއިން ހަރަދުކޮށްފައިވަނީ ޖުމްލަ 2،548.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އާމްދަނީގެ ތެރެއިން ހަރަދަށް ކަނޑާފައި ބާކީވެފައިވަނީ 33.6 މިލިއަން ރުފިޔާއެވެ.