އިސްރާއީލުގެ ޚުދުމުޚުތާރު އަޅުވެތިކަމުގައި ލާއިންސާނީ އަނިޔާ ތަހައްމަލުކުރަމުންދާ ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއް އަސާސް ކަމަށްވާ ގޭހުގެ އެހީތެރިކަން، ދިވެހިންގެ ފަރާތުން ފޯރުކޮށްދީފައި ވާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު (އައި.އޭ.ސީ)އިން ހާމަކޮށްފިއެވެ.

150 އަށްވުރެ ގިނަ ޖަމިއްޔާ، ޖަމާއަތުގެ އެއްބާރުލުމާއެކު 'އެހީ' އިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އައި.އޭ.ސީއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގައްޒާއަށް ކުރިމަތިވެފައިވާ ފިނިމޫސުމުގެ ދުވަސްވަރުގައި އެ އަޚުންނާ އުޚުތުންނަށް މިވަގުތު ބޭނުންޖެހިފައިވާ ގޭހުގެ އެހީތެރިކަން، ގައްޒާގެ ގިނަ އާއިލާތަކަކަށް ފޯރުކޮށްދެވިފައިވާކަމަށެވެ.

ފަލަސްތީނުގެ ގައްޒާއަށް ދިވެހިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރެއިން، ގައްޒާގައި ހާލުގައިޖެހިފައިވާ އާއިލާތަކަށް ގޭސް ސިލިންޑަރު ހަދިޔާ ކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ދިވެހިންގެ ދީލަތި އެހީއާއިއެކު ގައްޒާގެ އާއިލާތަކަށް ގޭސް ސިލިންޑަރު ފޯރުކޮށްދީފައިވަނީ ޕަލަސްޓީނިއަން ޗެރިޓަބަލް އޯގަނައިޒޭޝަންގެވެސް އެހީތެރިކަމާ އެކުގައި ކަމަށް އައި.އޭ.ސީގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ. މި ގޭހަކީ ކެއްކުމުގެ އިތުރުން ފިނި މޫސުމުގައި ކޮންމެ ހެން ބޭނުންކުރަންޖެހޭ ހީޓަރު ނުވަތަ ހޫނުކުރާ އާލާތްތަކުގައި ބޭނުން ކުރުމަށް ފޯރުކޮށްދީފައިވާ އެހީއެކެވެ.

މި ދުވަސްވަރަކީ ގައްޒާއަކީ ގައްޒާއަށް ގަދަ ފިނީގެ ދުވަސްވަރެކެވެ. ބައެއް ފަހަރު ފިނިހޫނު މިން 5 ޑިގްރީ ސެލްސިއަސްއަށްވުރެވެސް ދަށަށް ދެއެވެ. ގަދަ ފިނިން ސަލާމަތްވުމަށް ގައިމަތީގައި އަޅާލާނެ ރަޖާއެއްހާ މިންވަރުވެސް ނެތް އާއިލާތައް ގައްޒާގައި އުޅޭއިރު، އިތުރު މަސްދަރަކުން ހޫނުކަން ހޯދުމަށް ބޭނުންކުރާނެ ވަސީލަތްތަކެއްވެސް ގައްޒާގެ ރައްޔިތުންނަށް ލިބުން ދައްޗެވެ.

ފަލަސްތީނުގެ ގައްޒާއަށް ދިވެހިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރެއިން، ގައްޒާގައި ހާލުގައިޖެހިފައިވާ އާއިލާތަކަށް ގޭސް ސިލިންޑަރު ހަދިޔާ ކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ޝެލްޓާ ކްލަސްޓާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގައްޒާގައި 23 ޕަސެންޓް އާއިލާ ދިރިއުޅެމުންދަނީ ސުންނާފަތިވެފައިވާ ގެތަކުގައެވެ. މިއީ އެއްވެސް ވަރެއްގެ ހިމާޔަތެއް ނުވަތަ ހިޔާވަހިކަމެއްވެސް ނެތް ގެތަކެކެވެ. ކަންމިހެން އޮތްއިރު، 27 ޕަސެންޓް އާއިލާ ދިރިއުޅެނީ އެ ގެތަކެއްގެ ސަބަބުން، އެ ގޭގެ އަހުލުވެރިންގެ ފުރާނައަށްވެސް ނުރައްކާވާ ފަދަ ހާލެއްގައި ހުރި ގެތަކެއްގައި ކަމަށްވެސް މި ރެކޯޑްތަކުން ދައްކައެވެ.

ފަލަސްތީނުގެ ގައްޒާއަށް ދިވެހިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރެއިން، ގައްޒާގައި ހާލުގައިޖެހިފައިވާ އާއިލާތަކަށް ގޭސް ސިލިންޑަރު ހަދިޔާ ކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އިސްރާއީލުގެ ފިއްތުންތަކާ، ފަލަސްތީނުގެ މައި ސަރުކާރުގެ ސިޔާސަތުތައް ރާވާފައި އޮންނަ ގޮތުން ހުރިހާ ފަތަކުން ބެދިފައިވަނީ ގައްޒާގެ ރަށްވެހިންނެވެ. އުމްރާނީ ބިނާވެށީގެ މަސައްކަތަށް ބޭނުންވާ ސާމާނު ގައްޒާއަށް އެތެރެ ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރެއެވެ. އިގުތިސޯދީ ހާލު އިންތިހާއަށް ދަށްވެ، ދިރިއުޅުމުގެ ފެންވަރު އެއަށްވުރެ ދަށަށް ގޮސްފައިވާއިރު، މިހާރު ގައްޒާގައި ދިރިއުޅެމުންދާ ބައެއް މީހުންނަކީ 2014 ވަނަ އަހަރުގެ އިސްރާއީލު ހަނގުރާމާގައި ގެތަށް ހަލާކުވި ގޮތަށް އެއްވެސް ވަރެއްގެ މަރާމާތު ކުރުމަކާ ނުލާ އެ ގެތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ މީހުންނެވެ.

ފަލަސްތީނުގެ ގައްޒާއަށް ދިވެހިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރެއިން، ގައްޒާގައި ހާލުގައިޖެހިފައިވާ އާއިލާތަކަށް ގޭސް ސިލިންޑަރު ހަދިޔާ ކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ހަނގުރާމަތަކުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގާ އައި.އޭ.ސީއިން ދަނީ މިފަދަ ފަރާތްތަކަށް، ދިވެހިންގެ ފަރާތުން، ދިވެހިންގެ ނަމުގައި ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.