ހދ. ވައިކަރަދުއަށް އަށް މަރުވެފައި އޮތް ކިނބުލެއް މިރޭ ލައްގައިފިއެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމް 'ދަ ޕްރެސް' އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ އެ ކިނބޫ ލެއްގީ މިއަދު އިރުއޮއްސެނިކޮށް ކަމަށެވެ. ގާތްގަނޑަކަށް 6:15 ހާއިރު ފެނުނު މި ކިނބުލުގެ ދިގުމިނުގައި 4 ފޫޓު ބައި ވަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މިޑިއާގައި ވައިކަރަދޫއަށް ލެއްގި ކިނބުލުގެ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އެ ފޮޓޯއާއެކު އެތައް ބަޔަކު އެއީ ކިހިނެއް އެ ރަށުން ފެނުނު އެއްޗެއްތޯ އަހާ ސުވާލު އުފައްދާފައި ވެއެވެ.

ނަސީމް ވިދާޅުވީ، އެ ކިނބޫ ފެނުނީ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށް ސަރަހައްދުން ފުއްޓަރާ ދިމާލުން ކަމަށެވެ. އަދި އެ ކިނބޫ އަކީ ކަނޑުމަތިން އައިސް ލައްގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި އޭގައި މަށިވެސް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ކިނބޫ ފެނުނު ކަން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށާއި އެ ކިނބުލަށް ހަދަންވީ ގޮތް އެ ފަރާތުން ކައުންސިލަށް ކިޔައިދީފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އަދި އެ ކިނބޫ ބާއްވާފައި އޮތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށަށް ލެއްގީ ކުޑަ ކިނބުލެއް ކަމަށް ބުނާ އިރު އެ ވައްތަރީ އެލިގޭޓާއަކާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މި ކިނބޫ އެންމެ ވައްތަރީ ކިނބޫގެ އާއިލާއެއް ކަމަށްވާ "ކެއިމަންސް" އާ އެވެ. އާންމުގެ ތެރޭގައި އެލިގޭޓާއެއް ކަމަށް ބުނެވެނީ އޭގެ ތުންގަނޑު ދިގުކޮށް ހުރުމުން ކަމަށް ބެލެވެއެވެ.