ދަރިއަކު ގެއްލިގެން ދިއުމަކީ މައެއްގެ ހިތުގައި އޮންނާނެ އެންމެ ބޮޑު ބިރުވެރިކަން ކަމަށަ، އޭނާއަކީ ކޮންމެ ދުވަހަކުވެސް އެ ބިރުވެރިކަމުގެ ތެރޭގައި އިންނަން ޖެހިފައި ވާކަމަށް، ބުލީގެ ޝިކާރައަކަށް ވެފައިވާ، އުމުރުން އެންމެ 9 އަހަރުގެ ކުއޭޑަން ބޭލްސްގެ މަންމަ، ޔަރައްކާ ބޭލްސް ބުނެފިއެވެ.

ޖިސްމާނީ ގޮތުން އުމުރުގެ އެހެން ކުދިންނާ ބަލާއިރު އައިބުކަމެއް ހުރި ކުއޭޑަން ބޭލްސްއަކީ ޑުވޯފިޒަމްގެ ސަބަބުން އޭނާދާ ސްކޫލްގެ ދަރިވަރުންގެ ފަރާތުން ބުލީގެ ޝިކާރައަކަށްވެ، އަމިއްލައަށް މަރުވާން ބޭނުން ކަމަށް ބުނަމުންދާ ކުއްޖެކެވެ. މިކަންތައް ބޮޑުވެ، ޔަރައްކާ ވަނީ ކުއޭޑަންގެ ހާލަތު ދައްކުވާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. މިއާއެކު ދުނިޔޭގެ އެކި ހިސާބުތަކުން ކުއޭޑަންއަށް ހާއްސަ މަގާމެއް ދިނެވެ. އަދި އޭނާއަށް އެހީވުމަށް އެކި މަޝްރޫއުތައް ފެށިއެވެ.

ބުލީގެ ޝިކާރައަކަށްވެފައިވާ އުމުރުން އެންމެ 9 އަހަރުގެ ކުއޭޑަން ބޭލްސްގެ މަންމަ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގެ މަންޒަރުތަކެއް/ފޮޓޯ: ޔަރައްކާ ބޭލްސް

މިކަންކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުއޭޑަންގެ މަންމަ ބުނީ އޭނާގެ ދަރިފުޅަށް ދިމާވެފައިވާ ހާލަތަކީ، މިފަދަ ކަންކަމާ ބެހޭ ގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށްދޭނެ ކަމަކަށް ވެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެކިއެކި ސަބަބުތަކާ ހެދި ބުލީ ކުރުމުގެ ސަބަބުން، އެކަމުގެ ޝިކާރައަކަށްވެ ގިނަ ބަޔަކު މި ދުނިޔެއާއި ވަކިވެގެންދާކަން ފާހަގަކޮށް ޔަރައްކާ ބުނީ، އޭނާގެ ދަރިފުޅުވެސް އަމިއްލައަށް މަރުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޖިސްމާނީ ގޮތުން ހުރި ގޮންޖެހުންތަކުގެ އިތުރުން ބުލީގެ ޝިކާރައަކަށްވެފައިވާ ކުއޭޑަން މާޔޫސްވެ، އަމިއްލަ ނަފްސަށް އަނިޔާ ދިނުމުގެ ވާހަކަ ދައްކަމުންދާއިރު އަބަދާ އަބަދުހެން ހުންނަންޖެހެނީ އޭނާގެ ދަރިފުޅަށް ފާރަވެރިގެން ކަމަށް ޔަރައްކާ ވަނީ ބުނެފައެވެ.

ބުލީގެ ޝިކާރައަކަށްވެފައިވާ އުމުރުން އެންމެ 9 އަހަރުގެ ކުއޭޑަން ބޭލްސް ފަދައިން ޑްވޯފިޒަމް ތަހައްމަލު ކުރަމުންދާ އެކްޓާ ވޯވިކް ޑޭވިސް/ފޮޓޯ: ރޮއިޓާޒް

ކުއޭޑަންއަކީ ނަސްލީ ގޮތުންވެސް އޮސްޓްރޭލިއާގައި ފުރައްސާތަކާ ކުރިމަތިލާންޖެހޭ ކުއްޖެކެވެ. މި ކަންކަމުގެ ސަބަބުން އެދެމައިންގެ ދިރިއުޅުން، ދެމިޔަލީ ކަނޑިޔަކަށްވެފައިވާކަމަށްވެސް ޔަރައްކާ ވަނީ ސިފަކޮށްފައެވެ.

ޑްވޯފިޒަމް އަކީ އުމުރާ އެކަށީގެންވާ ގޮތަށް ޖިސްމާނީ ގޮތުން ހެދިބޮޑުވުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ ހާލަތަކެވެ. މިފަދަ މީހުންނަށް ހާއްސަކޮށްގެން އިނގިރޭސިވިލާތުގައި ހިންގާ ހިލޭ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ރިސްޓްރިކްޓަޑް ގްރޯތް އެސޯސިއޭޝަންގެ ޗެއާޕާސަން ޖިލިއަން މާޓިން ބުނީ، ޑްވޯފިޒަމް ތަހައްމަލުކުރާ ފަރާތްތަކާ މެދު މުޖުތަމައުދެކޭ ގޮތް ބަދަލުކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. ޑްވޯފިޒަމް ތަހައްމަލު ކުރަން ޖެހިފައި ތިބެނީވެސް އިންސާނުން ކަމަށާ، ނަމަވެސް މުޖުތަމައުގައި އެފަދަ ފަރާތްތަކާ މެދު ދެކެނީ "ޖޯކަރެއް"ގެ ގޮތުގައި ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީހުންނަށް އެކި ގޮތްގޮތުން ހިތްވަރު ދިނުމުގެ ތަގުރީރުތައް ދޭ އެމެރިކާގެ މޯޓިވޭޝަނަލް ސްޕީކާ ބެކީ ކޫރާން ކެކޫލާއަކީވެސް ޑްވޯފިޒަމް ތަހައްމަލުކުރަމުންދާ މީހެކެވެ. އޭނާ ބުނާ ގޮތުގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި 'ޑްވޯފު' އިންނަކީ ހެއްވާ ބައެއްގެ ގޮތުގައި ސިފަކޮށް، އެފަދަ މީހުންނާ ދިމާލަށް އާދަޔާ ހިލާފަށް ބަލަނީ، އާބާދީގެ ނިސްބަތުން އެފަދަ ކަމެއް ތަހައްމަލުކުރަންޖެހިފައިވާ މީހުންގެ އަދަދު މަދުވުމުންނެވެ.

ބުލީގެ ޝިކާރައަކަށްވި ކުއޭޑަން

ޑްވޯފިޒަމް ތަހައްމަލު ކުރަމުންދާ އެކްޓާ ވޯވިކް ޑޭވިސް ބުނީ، ކުއޭޑަންއަށް ތަހައްމަލުކުރަންޖެހޭ ކަންތައްތައް ފެންނަ ވީޑިއޯއަކީ އެ ބަލާ މީހަކު ރޮއްވާލާ ވީޑިއޯއެއް ކަމަށެވެ. އަދުގެ ދުނިޔޭގައި މިފަދަ ކަންތައްތައް ހިނގާކަމީ ހިތާމަހުރި ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކުއޭޑަން ބޭލްސްގެ މަންމަ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ ފެނި، އޭނާއަށް އެހީވުމުގެ ގޮތުން އެމެރިކާގެ ކޮމީޑިއަން އަދި ޑުވޯފިޒަމް ތަހައްމަލުކުރަމުންދާ ބްރެޑް ވިލިއަމްސް ކުރަން ފެށި މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ވަނީ އެ ފަންޑަށް 300000އަށްވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފައެވެ.