ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލެސިޓީގެ މޭޔަރަކަށް ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާތީ އެމަނިކުފާނަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޑރ. މުއިއްޒަށް "ހޮޅި" މުއިއްޒުގެ ނަމުން މުހާތަބު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޑރ. މުއިއްޒު ކުރެއްވި ކަަމަކީ މާލެސިޓީ "ހަލާކު" ކޮށްލެއްވުން ކަމަށެވެ. ނަޝީދު ވިދާޅުވީ މާލެ ހަލާކު ކޮށްލުމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނެވީ މުއިއްޒު ކަމަށެވެ.

ރައީސް ނަޝީދު ވަނީ ލާމަރުކަޒީ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގުމުން އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ ފަސް އަހަރު ދުވަސް ވަންދެން މާލެސިޓީގެ ބާރުތައް ނެންގެވުމަށްފަހު މުއިއްޒު ބޭނުން ގޮތެއް މާލެސިޓީއަށް ހެއްދެވުމަށްފަހު ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ވަޑައިގަންނަވަނަ "ލަދު" ގަންނަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާނަކުން ނުފިލާނެ މި މާލެއަށް ހަދާލި ގޮތެއް. މި މުޅި މާލެ ހަލާކު ކޮށްލުމުގައި އެންމެ އިސްކޮށް ހުރީ މި ހޮޅި މުއިއްޒު. ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ގާތަށް މުއިއްޒު ވޯޓަށް ހޯދުމަށް ވަޑައިގެންނެވި ނަމަވެސް އެ ރައްޔިތުންގެ ފަރާތުން މުއިއްޒަށް ލިބޭނެ އެއްވެސް ވޯޓެއް ނޯންނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އެޅި ސިނަމާލެ ބްރިޖު "އޯކޭ" ވި ނަމަވެސް "މުއިއްޒުގެ އައުވާނުންނަށް ބެއްސެވި 7،000 ފްލެޓު" އޯކޭ ނޫން ކަމަށެވެ.