ސަރުކާރުން މިއަހަރުގެ ތެރޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާނެ ކަމަށާއި އެގޮތުން މިއަހަރުގެ ތެރޭގައި 500އަށްވުރެ ގިނަ މަޝްރޫއުތައް ސަރުކާރުން ހިންގާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން "ރަށްވެހި ފަތިސް" ރަސްމީކޮށް ލޯންޗު ކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތައް ހިންގޭނީ ކައުންސިލްތަކުގެ ފުރިހަމަ މަސައްކަތުން ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގުމަށް ގާނޫނީ ގޮތުން ކައުންސިލްތަކަށް އޮތް ހުރަސް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކުގައި ނެތިގެން ހިނގައްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި މަޝްރޫއުތައް ތަންފީޒު ކުރުމުގެ ބާރު އޮތީ ކައުންސިލްތަކަށް. ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލްތަކަށް އޮންނާނީ ބާރުތައް ލިބިފައި. މި މަޝްރޫއުތައް ފުރިހަމަ ގެންދެވޭނީ ކައުންސިލްތަކުގެ މަސައްކަތުން. އެހެން ނޫނީ މި މަޝްރޫއުތަކެއް ފުރިހަމަ ގޮތުގައި ނުގެންދެވޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގައި ސަރުކާރަށް އެހީތެރިވާނެ ބަޔަކު ބޭނުންވާނެ ކަމަށެވެ. އަދި އެ އެހީތެރިކަން ސަރުކާރަށް ދެވޭނީ ކައުންސިލަރުންނަށް ކަމަށާއި ކުރިޔަށް ކައުންސިލް އިންތިހާބުގައި ސަރުކާރުް ކުރިޔަށް ގެންދާ މަޝްރޫއުތަކުގައި އެހީވާނެ ކައުންސިލުތަކެއް އޮތުން މުހިއްމު ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ އެންމެ މުހިއްމު އެއް ދައުރަކީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް މޮނީޓާކޮށް ބެލެހެއްޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ގާތު އަޅުގަނޑުމެން ވީ ވައުދަކީ ކުރީ ސަރުކާރުން ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ބާރުތައް އަނބުރާ ދިނުން. ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ ނިޒާމު ބަދަލުކޮށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ބަދަލު ސަރުކާރުން ގެނެސްދީފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިޔަށް އޮތީ އެ ބަދަލުތައް ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށެވެ. އެކަން ކުރެވެން އޮތީ އެމްޑީޕީގެ އަގުލަބިއްޔަތެއް އޮތް ކައުންސިލެއް ރައްޔިތުން ހޮވައިގެން ކަމަށާއި އެކަން ކުރެވޭނީ އެމްޑީޕީގެ ފިކުރު ގަބޫލުކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ބައިވެރިވީ ނިސްބަތުން މަދު ބަޔަކުކަން ފާހަގަ ކުރެވެއެވެ.
ނުދޭނަން ވޯޓެއް