ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން ބާއްވާ ޖަލްސާއަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ދާން އަންގައިފިއެވެ.

މުވައްޒަފުންނަށް ފެނަކައިގެ ފަރާތުން ފޮނުވާފައިވާ މެމޯއެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން ކޮންމެ މުވައްޒަފަކުވެސް ޖަލްސާ ފެށުމުގެ 15 މިނެޓު ކުރިން ކާނިވާ ސަރަހައްދަށް "ވަޑައިގަތުމަށް ދަންނަވާ" ކަމަށެވެ. އަދި މަގުބޫލު އުޒުރެއް އޮވެގެން ޖަލްސާއަށް ނާދެވޭ މުވައްޒަފުން އެ މުވައްޒަފެއްގެ ޑިޕާޓުމަންޓުގެ ހެޑަށް ދުރާލާ އެންގުމަށް އެދޭ ކަމަށްވެސް އެ މެމޯގައިވެއެވެ.

މިކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ގާނޫނީ ވަކީލް އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ނަންވާނީ ހައިވަކަރު އޮޑި" ކަމަށެވެ. މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ނުކުރާނެ ކަމަށް ބުނި މީހުން މިއަދު "މި ހާވަނީ ކޮން ހަޑިއެއްތޯ" ޝަމީމް ވަނީ ސުވާލު އުފައްދާފައެވެ.

"ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ތިޔަ ދަނީ ކުރަމުން. އިސްލާހުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ތިޔަ ދަނީ އިތުރަށް ގޯސް ކުރަމުން،" ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ބަހެއް ހޯދާލުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި މެސެޖު ކުރުމުން މެސެޖަށްވެސް ރިޕްލައި ނުކުރައްވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަރުކާރު މުވައްޒަފުން ޕީޕީއެމްގެ ޖަލްސާތަކަށް ގެންދާ ކަމަށާއި ޖަލްސާތަކަށް ހާޒިރު ނުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ މިހާރު ސަރުކާރުގެ އިސްވެރިން މީގެކުރިން ދިޔައީ ފާޑު ކިޔަމުންނެވެ.