ހދ. ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ރޭ 23:50 ހާއިރު ހދ. ނޭކުރެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކާ މެދު ބަޔަކު މާރާމަރީ ހިންގާ އަނިޔާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައުލޫމަތު ފުލުހުންނަށް ލިބިގެން ފުލުހުން ވަނީ ޒަހަމްވެފާއިވާ މީހާ ނެކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި، އޭނާގެ ބޮލަށް ލިބިފައިވާ އަނިޔަތަކާ ގުޅިގެން ޓެސްތުތައް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 29 އަހަރާއި 34 އަހަރުގެ 2 ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.