ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ހުރިހާ ދާއިރާއެއް ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ މިނިމަމްވޭޖް ގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާތައް ފާހަގަކޮށް ނޫހަކުން އާންމުކޮށްފައިވާ ހަބަރަކާ ގުޅިގެން އާންމުންގެ މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭގައި ކަނޑައަޅާފައި ވަނީ ޓޫރިޒަމްގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަން، ދަނޑުވެރިކަން، ތައުލީމީ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.

ނަމަވެސް އެ ދާއިރާތަކުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މިނިމަމް ވޭޖްގެ ގޮތުގައި ހުރިހާ ދާއިރާއެއްވެސް ހިމަނާނެ ކަމަށާއި ބަލަންޖެހޭ ވަކިވަކި ބައިތަކެއް ހުރި ކަމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅައި ލަފާދީފައިވާ ކަމަށް ފައްޔާޒް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ ބައިތަށް ކަނޑައަޅާފައި ނުވާ ކަމަށް އިންޓަވިއު އެއްގައި ބޯޑުގެ މެންބަރަކު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދީފައި ވާކަން ހާމަކޮށްފައި ވަނީ މިއަދެވެ. އަދި ބޯޑުން ހުށަހަޅާފައިވާ އަދަދާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް މިހާރު އެދިވަޑައިގެންފައިވާ ކަމަށްވެސް ފައްޔާޒަ ވަނީ ވިދާޅުވެފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައި ވަނީ މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން ރިިވިއުކުރަން ޖެހޭނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އިކޮނޮމިކް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ މި މަސް ނިމުގެ ކުރިން ކަނޑައަޅުއްވާނެ ކަމަށެވެ.