ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ރަށު ކައުންސިލަށް ސ.ހުޅުދޫ، ފެންފިޔާޒް ވިލާ (ރަނާގެ) ހަބީބާގެ އައްބާސް ވާފިރު ކުރިމަތި ލައިފިއެވެ.

އައްބާސަކީ 23 އަހަރު ދައުލަތަށް ހިދުމަތް ކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި 14 އަހަރު އެމްއެންޑީއެފްގައި މަސައްކަތް ކޮށްފައިވެއެވެ. އަދި 9 އަހަރު އެސްޓީއޯގައި ސީނިއާ އިންޖިނިއަރެއްގެ މަގާމުގައި މަސައްކަތް ކޮށްފައި ވާއިރު 1 އަހަރު ދުވަހު ސަން އައިލެންޑް ހޮޓެލްގައިވެސް ސީނިއާ އިންޖިނިއަރެއްގެ މަގާމުގައި ވަނީ މަސައްކަތް ކޮށްފައެވެ.

ތައުލީމީ ދާއިރާއިން އައްބާސް ވަނީ ޕާކިސްތާނުގެ ކަރާޗީގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ "ޕީއެންއެސް ކަރްސަޒް" އިން "ޓެކްނިކަލް" ދާއިރާގެ "މެކޭނިކަލް އެންޑް އިލެކްޓްރޯނިކްސް ފޯ ދަ ނާވީސް" އިން ތައުލީމު ހާސީލް ކޮށްފައެވެ.

އައްބާސަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރުން ހޮވުމުގައި އެންމެ އިސްކޮށް 3 ދައުރެއްގެ މަތިން ތަފާތު 2 ފިކުރުގެ ކެނޑިޑޭޓުންނާއެކު މަސައްކަތް ކޮށްފައިވާ މީހެކެވެ. ހުޅުދޫ ދާއިރާއަށް ކުރިމަތިލީ އިލްޔާސް ލަބީބާއި ޝާހިދުގެ ކެމްޕޭންގައި ބައިވެރިވެ ވަރަށް ގާތުން މަސައްކަތް ކޮށް ކާމިޔާބު ހޯދައިދިނުމުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އަދި ސިޔާސީ ކަންކަމުގައި ޒުވާނުންގެ މަގުބޫލުކަން ލިބިފައިވާ މީހެކެވެ.

ހުޅުދޫގެ ރައްޔިތުންގެ ހައްގުގައި ކޮށްދިނުމަށް އައްބާސް ވައުދުވެފައިވާ ކަންތައްތަކަކީ:

  1. ލާމާރުކަޒީ ގާނޫނުގެ ތެރެއިން ލިބެންޖެހޭ ހުރިހާ ހައްގެއް ހޯދުން ލާމަރުކަޒީ ގާނޫނުން ލިބެން ޖެހޭ 7 މެންބަރުންގެ ކައުންސިލެއް ހޯދަން މަސައްކަތްކުރުން.
  2. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ހޯދުމަށް ހިތަދުއަށް ނުގޮސް ހުރިހާ ކަމެއް ގާތުން ހޯދައިދިނުން.
  3. ހުޅުދޫގެ ތަރައްޤީއަށް އޮންނަ ބަޖެޓް ސީދާ ހުޅުދޫގެ އެކައުންޓަށް ފޮނުވޭގޮތް ހަދައިދިނުން.
  4. ހުޅުދޫގައި ހިންގޭ ހުރިހައި ޕްރޮޖެކްޓެއް ހުޅުދޫގެ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ލިބޭގޮތަށް އިވެލުއޭޝަން ކުރައިޓީރިއާ ނުވަތަ ޕޮއިންޓް ސިސްޓަމް ބަދަލުކުރުން.
  5. ހުޅުދޫގައި ހިންގާ ޕްރޮޖެކްޓްތަކަށް ގަންނަ ސާމާނު ހުޅުދޫގެ ފިހާރަތަކުން ގަނެވޭގޮތް ހެދުން.
  6. ހުޅުދޫގައި ކުޅިވަރުކުޅޭ ހުރިހައި ކުލަބް ޖަމްއިއްޔާ ޖަމާއަށްތަކަށް އަމާޒްކޮށް އޮފީސް ކޮޕްލެކްސްއެއް އަޅައިދިނުމާއި ހުޅުދޫގެ ސްކޫލު ނިންމާ، އަދި ކޮލެޖު ޔުނިވަސިޓީ ނިންމާ ދަރިވަރުންނަށް ވިޔަފާރިއަށް ވަދެވޭގޮތަށް ލުއިލޯނު ހޯދައިދީ، އެކުދިން ވިޔަފާރިކުރާނެ މަރުކަޒެއް ނުވަތަ ބާޒާރެއް ހަދައިދިނުން.
  7. ހުޅުދޫއިން ގެދޮރު ބޭނުންވާ ޒުވާނުންނަށް ގެދޮރު އެޅުމަށް ބިން ކަނޑައަޅައި ދިނުން.

ހުޅުދޫ ރައްޔިތުންގެ ކިބައިން އައްބާސް އެދެނީ އަންނަ ކައުންސިލް އިންތިހާބުގައި ތިޔަ ބޭފުޅުންގެ ހިތްހެޔުކަމާ އެކު ވޯޓެއް ދީ ކައުންސިލަރު ކަމަށް ހޮވައިދިނުމަށެވެ.