ކޮމްޕިއުޓަރުގެ އެންމެ އަސާސީ ހުނަރުތައް ދަސްކޮށްފައިހުރި މީހަކަށްވެސް އެނގޭ އެންމެ އާންމު ބައެއް ފަންކްޝަންތައް ކަމަށްވާ "ކަޓް"، "ކޮޕީ" އަދި "ޕޭސްޓް" ފަދަ ކޮމާންޑް ފަންކްޝަންތައް އީޖާދު ކުރި ޓެކްނިކަލް ސައިންޓިސްޓް ލެރީ ޓެސްލާ މަރުވެއްޖެއެވެ.

ޑިޖިޓަލް ދުނިޔެއަށް މުހިންމު ފަންކްޝަންތަކެއް ތައާރަފުކޮށްދިން ލެރީ ޓެސްލާގެ މަސައްކަތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮމްޕިއުޓަރު ބޭނުންކުރާ މީހުންގެ މަސައްކަތްތަކަށް ލުއިފަސޭހަކަން ހޯދާދިން ނަމަވެސް، އޭނާގެ ނަމަކީ ގިނަ މީހުންނަށް ބީރައްޓެހި ނަމެކެވެ.

ކޮމްޕިއުޓަރާ ގުޅުންހުރި ފަންނީ މަސައްކަތުގެ ހިދުމަތުގެ ތެރެއަށް ޓެސްލާ ވަނީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. ޓެސްލާ ވަނީ ޓެކްނޮލޮޖީގެ ދުނިޔޭގައި، ނަންހިނގާ ބޮޑެތި ކުންފުނިތަކެއްގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ޒެރޮކްސް"، "އެމެޒޯން"، "ޔަހޫ" އަދި "އެޕަލް" ފަދަ ކުންފުނިތައް ހިމެނެއެވެ.

"ކަޓް"، "ކޮޕީ" އަދި "ޕޭސްޓް" ފަދަ ކޮމާންޑް ފަންކްޝަންތަކުގެ އިތުރުން "ފައިންޑް" އަދި "ރީޕްލޭސް" ފަދަ ކޮމާންޑް ފަންކްޝަންތަކަކީވެސް ޓެސްލާގެ އީޖާދެކެވެ.

ލެރީ ޓެސްލާ މަރުވިކަން މީޑިއާއަށް ކަށަވަރުކޮށްދީފައިވަނީ މިއަދު ކަމުގައި ވީނަމަވެސް، އޭނާ މަރުވީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.