ސްމާޓްފޯނު ވިޔަފާރީގެ ވާދަވެރި ދުނިޔޭގެ އެންމެ އުހުގައި މިވަގުތު އޮތް ދެކުނު ކޮރެޔާގެ ސަމްސަންގް ކުންފުނީގެ އެތައް ހާސް ކަސްޓަމަރުންނަށް އޮޅުމެއްގެ ތެރެއިން އެލާޓްތަކެއް ފޮނުވުނު ކަމަށް އިއުތިރާފުވެ، އެ ކުންފުނިން އެކަމަށް މައާފަށް އެދިއްޖެއެވެ.

ސަމްސަންގް ފޯނުތައް ބޭނުންކުރާ ބައެއް ކަސްޓަމަރުންނަށް ރޭ ދަންވަރުން ފެށިގެން "ފައިންޑް މައި މޯބައިލް" އެލާޓްތަކެއް ވަނީ ގޮސްފައެވެ. ސޯޝަލް މީޑިއާގައިވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ، މިކަމާ ގުޅިގެން ޝަކުވާ އުފުލާފައެވެ. ބައެއް މީހުންނަށް މައްސަލައަކަށްވީ އަރާމު ނިންޖެއްގައި އޮއްވާ ހޭލަންޖެހުން ކަމަށްވާއިރު، އަނެއް ބަޔަކު ވަނީ މާ ސީރިއަސް ޝަކުވާތަކެއްވެސް އުފުލާފައެވެ. އެގޮތުން، އެމީހުންގެ ފޯނުތައް ހެކުކުރި ކަމުގެ ނުތަނަވަސްކަން ކުރިމަތިވިކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން އެކުންފުނިން ނެރެނު ބަޔާނެއްގައި ސަމްސަންގް ކުންފުނިން ބުނީ، މި އެލާޓްތައް ފޮނުވާލެވުނީ ގަސްތުގައި ނޫންކަމަށާ، އެ ކަމުގެ އަސަރު ކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ޑިވައިސްތަކަކަށް ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި އެލާޓެއް އައިސްފައިވަނީ ސަމްސަންގްއިން ފަރުމާކޮށްފައިވާ "ފައިންޑް މައި މޯބައިލް" އެޕްލިކޭޝަން އިންސްޓޯލް ކޮށްފައިވާ ފޯނުތަކަށެވެ. ސަމްސަންގް ޓެބްލެޓް ކޮމްޕިއުޓަރުތަކުގެ ތެރެއިން ބައެއް ޑިވައިސްތަކަށްވެސް މިކަމުގެ އަސަރު ކުރި ކަމަށް ޚަބަރު ލިބެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިކަމުގެ ރިޕޯޓްތައް ވަނީ ކޮށްފައެވެ.

ސަމްސަންގްއިން ބުނީ، މިކަމެއް ހިނގީ އެކުންފުނީގެ ތެރޭގައި ފަންނީ ޓެސްޓުތަކެއް ހެދުމުގެ ތެރޭގައި ކަމަށާ، މި ކަމުގެ ސަބަބުން ޑިވައިސްތަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާނެ ކަމަށެވެ.