ސްރީލަންކާގައި 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ހަތަރު ދިވެހިން ހައްޔަރު ކޮށްފައި ވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން 153 މީހަކު ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވެއެވެ.
ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނައާ ހަވާލާދީ "ނިއުސް ފަސްޓް" ގައިވާ ގޮތުން އޭޕްރިލް 21 ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނެއެވެ.
ރޮހާނައާ ވިދާޅުވި ގޮތުގައި އެ 216 މީހުންގެ ތެރެއިން 153 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުއްދަތު ޖަހާފައެވެ. އަދި އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެއެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި އެމީހުން ހައްޔަރު ކޮށްފައިވާ މުއްދަތެއް އެ މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ރޮހާނައާ ވިދާޅުވި ގޮތުގައި އެހަމަލާތައް ތަހުގީގު ކުރުމުގައި އިންޓަޕޯލް އާއި އެމެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުން ދަނީ އެހީވަމުންނެވެ.
ނަސާރާއިން ފާހަގަ ކުރާ "އީސްޓާ ސަންޑޭ" އާ ދިމާކޮށް އޭޕްރިލް 21 ވަނަ ދުވަހު ދިން ހަމަލާގައި 258 މީހެއްގެ ފުރާނަ ގެއްލި، 500 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖިސްމާނީ އަނިޔާ ލިބިފައެވެ. އެ ހަމަލާތަކުގެ ސަބަބުން ނަފްސާނީ އަނިޔާ ލިބުނު މީހުންގެ ތަފާސް ހިސާބެއް ލިބިފައެއް ނުވެއެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުން ހިމެނުނެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ސްރީލަންކާގައި ހަރަކާތްތެރިވާ ހަރުކަށިފިކުރުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތުންނެވެ. މި ޖަމާއަތަކީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތަށް ބައިޔަތު ހިފާފައިވާ ޖަމާއަތެކެވެ.