ބަދު ނަސީބުގެ ސިއްކަޖެހިފައިވާ 737-މެކްސް މޮޑެލްގެ މުޅިން އާ މަތިންދާބޯޓުތަކެއްގެ ފިއުލް ޓޭންކުން ކުނިތަކެއް ފެނުނު މައްސަލައެއް ފެންމަތިވެ، އެމެރިކާގެ މަތިންދާބޯޓު ކުންފުނި ބޮއިންގްއަށް އަނެއްކާވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފަށައިފިއެވެ.

ފިއުލް ޓޭންކުން ކުނިތަކެއް ފެނިފައިވަނީ 737-މެކްސް މޮޑެލްގެ މުޅިން އާ ބޯޓުތަކެއްގެ ފިޔަގަނޑުގައި ހަރުކޮށްފައިވާ ފިއުލް ޓޭންކުން ކަމަށްވާއިރު، މި ބޯޓުތަކަކީ އެއާލައިންތަކަށް ޑެލިވާ ކުރަން ތައްޔާރުކޮށްފައިވާ ބޯޓުތަކެއް ކަމަށްވެސް ޚަބަރު ލިބެއެވެ.

ބޮއިންގް ކުންފުނީގެ އެންމެ އިސްވެރިންވަނީ، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން، އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައެވެ. ކަންމިހެން އޮތް ނަމަވެސް، މިއީ މިވަގުތު ގްރައުންޑްކޮށްފައިވާ މި މޮޑެލްގެ ބޯޓުތައް އަލުން އުދުއްސަން ފަށަން ތާވަލުކޮށްފައިވާ އޮތް ޝެޑިއުލަށް އިތުރު ލަސްތަކެއް ގެނުވާނެ ކަމެއް ނޫން ކަމަށްވެސް ބޮއިންގް ކުންފުނީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

737-މެކްސް މޮޑެލްގެ މަތިންދާ ބޯޓުތައް މިވަގުތު ގްރައުންޑްކޮށްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މޮޑެލްގެ 2 މަތިންދާބޯޓެއް ވެއްޓި، އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުމުގެ 2 ހާދިސާއެއް ހިނގުމާ ގުޅިގެންނެވެ.

ފިއުލް ޓޭންކުން ފެނުނު ކުނިތަކަކީ ބޯޓުގެ ބައިތަކުން ބައެއް ނޫންކަމަށް ބޮއިންގް ކުންފުނިން ބުނެއެވެ. އަދި މި ތަކެއްޗަކީ ބޯޓުގެ އޮޕަރޭޝަނަށް ނުރައްކާ ކުރިމަތިކުރާނެ ތަކެތި ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިން ބުނީ، ބޮއިންގް ކުންފުނިން އަލަށް ފެންމަތިވި މި މައްސަލައަށް އެކުންފުނިން ރިއާޔަތް ކުރާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މިހާރު ގްރައުންޑްކޮށްފައިވާ -737މެކްސް މޮޑެލްގެ ބޯޓުތައް އަލުން އުދައްސަން ފަށަން ތާވަލުކޮށްފައިވަނީ މިއަހަރުގެ މެދަކާ ހިސާބުގައެވެ. މިއީ ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުންވެސް އޮޕަރޭޝަންތަކުގައި ބޭނުންކުރާ މޮޑެލްއެކެވެ.