ޚަބަރު ފަތުރާ ވެބްސައިޓެއްގެ ޕޭޖު ބްލޮކް ކޮށްދިނުމަށް އެދި ސިންގަޕޫރުން ހުށަހެޅުން އެކަމާ ކަންބޮޑުވާކަމަށް، ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމު އޮޕަރޭޓްކުރާ ފޭސްބުކް ކުންފުނިން ބުނެފިއެވެ.

ސިންގަޕޫރުން ބުނީ ސްޓޭޓްސް ޓައިމްސް ރިވިއުގެ ޕޭޖު ބްލޮކް ކުރަންޖެހުނީ، ދޮގު ޚަބަރު ފެތުރުމާ ދެކޮޅަށް ސިންގަޕޫރުގައި ދާދި ފަހުން ތަންފީޒު ކުރަން ފެށި ގާނޫނާ ތައާރުޒުވާ އަމަލުތައް އެ ވެބްސައިޓުން ހިންގާ، ތަކުރަރުކޮށް، ދޮގު ޚަބަރު ފަތުރަމުން ދިއުމުގެ ސަބަބުން ކަމަށެވެ.

ފޭސްބުކް ކުންފުނިން ބުނީ ގާނޫނީ އިމުން ބަލާއިރު ސިންގަޕޫރުން ހުށަހެޅި ޕޭޖު ބްލޮކް ކޮށްދޭން ޖެހޭ ކަމަށާ، ނަމަވެސް، ސިންގަޕޫރުގެ އޯޑަރާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި މި އޯޑަރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބިފައި އޮތް ހައްގު ފިއްތާލުމަށް މަގުފަހި ކުރާ އޯޑަރަކަށް ވެދާނެ ކަމަށްވެސް ފޭސްބުކްއިން ވަނީ ބުނެފައެވެ.

ގާނޫނެއްގެ ނަމުގައި ސިންގަޕޫރުން މިފަދަ ކަމެއް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާ، ސެންސަރު ކުރަން ގެންގުޅޭ އާލަތަށް ގާނޫނު ނުހަދާނެ ކަމަށް ސިންގަޕޫރުގެ ސަރުކާރުން ބުނި ބުނުމާވެސް ތައާރަޒުވާ ކަމެއް ކަމަށްވެސް ފޭސްބުކް ކުންފުނިން ވަނީ ބުނެފައެވެ.

ސްޓޭޓްސް ޓައިމްސް ރިވިއުއާއި ދެކޮޅަށް ސިންގަޕޫރުން ފިޔަވަޅު އަޅާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާއި ދިމާކޮށް ސިންގަޕޫރުން ފޭސް މާސްކު ހުސްވެފައިވާކަމަށް ބުނެ، ފެތުރި ޚަބަރާ ގުޅިގެންނެވެ. ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުންވަނީ އެ ގައުމަށް ބޭނުންވާ މިންވަރަށް މާސްކު އެބަހުރި ކަމަށާ، ހަލުވިބަލިމަޑުކަމެއްގެ ގޮތުގައި ކޮވިޑް-19 އެ ގައުމުގައި ފެތުރެން ފަށައިފި ހާލަތަކަށްވެސް ގައުމު ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.