ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު، އެހެން ރަށަކަށް ވަަޑައިގަތުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް ނަޝީދަށް އަންގައިފިއެވެ.

އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީއިން ވަނީ އަންގާފައެވެ.

އެ މައްސަލަ ހުށަޅާޅާފައި ވަނީ އަމިއްލަފަރާތަކުންނެވެ. އާންމު ފަރާތަކުން އޭސީސީއަށް އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރި ކަމަށް ބުނެއެވެ.

އެމައްސަލަ ނިންމައި އޭސީސީއިން ރައީސް ނަޝީދަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ ގއ ވިލިގިނލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު އެމަނިކުފާނުގެ ބޮޑީގާޑުންނާއި ޗީފް ބިއުރޯ އޮފިސަރު އައްޑޫ ގަމުން މާލެ ދިއުމަށް ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.