މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޕާކިސްތާނުގެ ބަނދަރުމަތީ ކަރާޗީ ސިޓީގައި ގިނަ ބަޔަކަށް ނޭވާލާން ދަތިވެ، ސިއްހީ ފަރުވާ ހޯދަން ޖެހި، އޭގެ ތެރެއިން 14 މީހެއްގެ ފުރާނަ ގެއްލުމުގެ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ސޯއީބީން ކުނޑީގެ އަސަރު އިންތިހާއަށް ކުރުމުގެ ސަބަބުން ކަމަށް ބެލެބޭ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ނޭވާލުމަށް މައްސަލަތަކެއް ކުރިމަތިވެ، އެނޫންވެސް އެފަދަ އުނދަގޫތަކެއް ވުމާ ގުޅިގެން 300 އެއްހާ މީހުން ވަނީ، އިތުރު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްވެސްކޮށްފައެވެ.

އާދަޔާ ހިލާފު ގަދައަށް ވައިގެ ތެރެއަށް އަރައިގެން ދިޔަ ސޯއީބީން ކުނޑިތަކުގެ ސަބަބުން މިހާދިސާ ހިނގި ކަމަށް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާއިރު، ސޯއީބީން ޝިޕްމަންޓް ބަރުކޮށްފައި އޮތް ބޯޓު އޮތީ ކަރާޗީ ބަނދަރުގައި ކަމަށް ޚަބަރު ލިބެއެވެ.

ބަލިމީހުންގެ ހަށިގަނޑުން ނެގި ލެޔާ ކުޑަކަމުދާ ތަކެތީގެ ސާމްޕަލްއިންވެސް ސޯއީބީން ކުނޑީގެ އަސަރު ފެނިފައިވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޔުނިވާސިޓީ އޮފް ކަރާޗީގެ އިންޓަނޭޝަނަލް ސެންޓާ ފޮ ކެމިކަލް އެންޑް ބައޮލިޖިކަލް ސައިންސަސް އިންވެސް ބުނީ މި ހާދިސާގެ ފަހަތުގައި އޮތީ ސޯއީބީން ކުނޑި ކަމަށެވެ.

ޕާކިސްތާނުގެ ކަރާޗީގައި ގޭސްލީކުވި ހާދިސާގައި ސިއްހީ މައްސަލަތައް ކުރިމަތިވި މީހުން ހޮސްޕިޓަލަށް ގެންދަނީ/ފޮޓޯ: ސްޕަޓްނިކް ނިއުސް

ކަންމިހެން އޮތްއިރު، ސިންދް ޕްރޮވިންސްގެ ތިމާވެއްޓާ ބެހޭ އިދާރާތަކުގެ އޮފިޝަލުންނާއެކު މަސައްކަތް ކުރަމުންދިޔަ ޕްރައިވެޓް ލެބޯޓްރީއަކުން ކުރި ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު، އެސަރަހައްދުގެ ވައިގެ ތެރޭގައި ގިނަ އަދަކަށް ހައިޑްރޮޖަން ސަލްފައިޑް އައި ނައިޓްރިކް އޮކްސައިޑްގެ އަސަރު ހުރި ކަމަށް ޕާކިސްތާނުގެ ދުވަހު ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ހާދިސާ ހިނގައިގެން އުޅެނީ ޕާކިސްތާނުގެ ނިއުކްލިއާ ޕްލާންޓްއަކާ ދާދި ކައިރީގައި ކަމުން، ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ދެކުނު އޭޝިއާގައި ދެން އޮތް ނިއުކްލިއާ ބާރު ކަމަށްވާ އިންޑިއާއިން ދަނީ ބުނަމުންނެވެ.

ބަނދަރުމަތީ ސަރަހައްދުތަކުގައި ސޯއީބީން ޝިޕްމަންޓްތައް ބަރުކޮށް ބާލާ ހެދުމުގެ ތެރޭގައި މިފަދަ ހާދިސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި އެބަހުއްޓެވެ.