ބިލުތަކުގެ ނަމުގައި ގިނަފަހަރަށް މަޖިލީހަށް ހުށަހެޅެނީ ސުރުހީތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުުގެ މަޖިލީސް ޖަލްސާ ފައްޓަވާ ދެއްވުމަށްފަހު ނަޝީދު ވިދާޅުވީ، ބިލުގެ ގޮތުގައި ގިނަ ފަހަރަށް މަޖިލީހަށް ހުށެހެޅެނީ ސުރުހީއެއް ކަމަށެވެ. އަދި އެ ސުރުހީ ބިލަކަށް ހަދާ، ރައްޔިތުންގެ ވިންދު، ރައްޔިތުންގެ ރުހުން ރައްޔިތުން ބޭނުންވާ ގޮތް ދެނެގަނެ، އެކި އެކި ފަރާތްތަކާ މަޝްވަރާކޮށްގެން ބިލެއް ފުރިހަމަ ކުރަނީ މަޖިލީހުން ކަމަށާއި، އެކަންކުރަން އޮންނަ ތަނަކީ ވެސް މަޖިލީސް ކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހާ ކަންކަން ކުރާ ތަނަކީ މަޖިލީސް ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، ހޯލްތަކާއި، މައިކުތައް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްގެސް އިންތިޒާމްތައް ވެސް ހަމަޖެހިފައި ހުރީ އެތަނުގައި ކަމަށެވެ. އަދި މި އިންތިޒާމުތައް ރާއްޖޭގެ އެހެން ތަނެއްގައި ހަމަޖެހިފައި ނުހުންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. މަޖިލީސް ޑުބްލިކޭޓް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ، ސަރުކާރުން ބިލެއް ހުށަހާޅާއިރު އެހާ ބޮޑަށް ހާމަކަން މަތީގައި މަޝްވަރާ ކުރެވިފައި ނޯންނަ ކަމަށާއި، ސަރުކާރުގެ ވުޒާރާތަކާއި އާންމުންގެ ބައިވެރިވުމާ ހިޔާލުތައް އެއަށް ގެންނަން ޖެހޭ ތަނަކީ މަޖިލީސް ކަމަށެވެ.

"މިއަދު ހުށަހެޅިގެން ދަނީ 1980 ގެ އަހަރުތަކުއްސުރެ ވުޒާރާތަކުގައި އެކި ގޮތްގޮތަށް ހުރި ބިލްތައް. އެކަމާ ގުޅިގެން މިއަދުގެ ބައެއް ޒުވާން ކުދިން ކަންބޮޑުވުން ފާޅުކުރާނެ، އެކަން އަޅުގަނޑަށް އެނގޭ، އަދި އެކަން އަޅުގަނޑު ބަލައިވެސް ގަންނަން. ނަމަވެސް އެ ކުދިންނަށް ސާފުކޮށްލަން ބޭނުންވާ ވާހަކައަކީ މި ބިލުތަކަކީ އަންޒަމާނު ކަރައަށް ވައި އެރި އިރުގެ ތަކެތި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިދިޔަ ދައުރު ނިމުނު އިރު 56 ބިލު މަޖިލީހަށް ހުށަހެޅުނު ކަމަށާއި، އެ ބިލުތަކަކަކީ ޒަމާނުއްސުރެ ސަރުކާރުގެ ވުޒާރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގައި އެކުވެރި ދައުލަތްތަކާ ގުޅިގެން ދިވެހި ދައުލަތުން ބަހަނާ ދެއްކުމަށްޓަކައި ފަށާފައިިވާ މަސައްކަތްތައް ކަމަށެވެ. އަދި ބޭރުގެ ޕްރެޝަރު ބޮޑުވެގެން ސަރުކާރުން ބަހަނާ ދެއްކުމަށް ތައްޔާރު ކުރި އެއްޗެހި އެއްފަހަރާ މަޖިލީހަށް ލިބުނުއިރު، އެ އެއްޗެހީގައި ލިޔެފައި ހުރީވެސް ބަހަނާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ، މިއަދު ދިވެހިން އެ ބަހަނާތައް ބަލައި ނުގަންނަ ކަމަށާއި، ރައްޔިތުން އެދެނީ އެ ކަން ކުރުމަށް ކަމަށް ކަމަށެވެ. ނަޝީދު ވިދާޅުވީ، ސަރުކާރުން ހުށަހެޅި ބިލްތަކަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ސީދާ ގޮތުން އަމާޒުވާ ކަންކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ކުރީގެ ބިލްތަކެއް ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހަޅުއްވާފައިވާ ނަފްސާނީ ސިއްޙަތުގެ ބިލު ވަނީ މިދިޔަ ހޯމަ ދުވަހު އަނބުރާ ގެންދަވާފައެވެ. އެ ބިލު އަނބުރާ ގެންގޮސްފައި ވަނީ އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކަމަށް ނަޝީދު ވިދާޅުވިއެވެ.