ދ. މާއެނބޫދޫ ޓީޗަރަކު ދަރިވަރުންނަށް ބަރަހާނާ ވީޑިއޯއެއް ދެއްކި މައްސަލަ ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާއެނބޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލުގެ ގްރޭޑް 7ގެ ދަރިވަރުންނަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯ ޑޮކިއުމަންޓްރީއެއް ދެއްކި މައްސަލަ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާއެނބޫދޫ ސްކޫލުގެ ޓީޗަރަކު ކުޑަކުދިންތަކަކަށް ބަރަހަނާ ވީޑިއޯއެއް ދެއްކި މައްސަލަ ފެންމަތިވެފައިވާއިރު، ރާއްޖޭގެ ބައެއް ސްކޫލުތަކުގައި، ޓީޗަރުން ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލެއްގައި ކްރިކެޓް ކުޅޭ ކުދިންތަކަކަށް ޓީޗަރަކު ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު 23 ވަނަ ދުވަހު ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.