މާފުށިން ހައްޔަރުކުރަން އުޅުނު މީހަކު އެރަށު ފަޅުތެރެއަށް އެއްލާލި ދަބަހަކުން މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕްރޭޝަނެއްގައި މާފުށީ ބަނދަރު ސަރަހައްދުން މީހަކު ހިފަހައްޓަން އުޅުމުގެ ތެރޭގައި އެ މީހާ މޫދަށް ފުންމާލި އިރު ކޮނޑުގައި އޮތް ދަބަސް މޫދަށް ދޫކޮށްލުމާ ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

މޫދަށް ދޫކޮށްލި ދަބަސް ހޯދާފައި ވަނީ މެރިން ޕޮލިސް ޑައިވް ޓީމެއް މާފުއްޓަށް ގޮސް ދަބަސް ދޫކޮށްލި ސަރަހަށްދަށް ޑައިވް ކޮށްގެން މިއަދު މެންދުރު 1 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ދަބަސް ނަގައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓް ފެނިފައި ވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.