އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދަށް އިއުތިރާފު ކުރުވަން ފުލުހުން އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގެނެފައި ދިން ކަމަށް ބުނެ އޭނާ މިއަދުގެ ޝަރީއަތުގައި ދެއްކި ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ ގާސިމް މަރާލި މައްސަލާގައި އަދުހަމް ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރިކަމުގައި ވީނަމަވެސް އެ މައްސަލާގައި އަދުހަމުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް، އެކަށީގެންވާ ހެއްކާއި ގަރީނާ ހުންނާނެ ކަމަށެވެ.

ފުލުހުން އަދުހަމް އަށް މަސްތުވާތަކެތި ގަނެފައި ދިން ކަމަށް ބުނެ އަދުހަމް ޝަރީއަތުގައި ދައްކާފައިވާ ވަހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާއި ހިލާފު ވާހަކައެއް
ފުލުހުން

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އަދުހަމް ވަނީ މީގެކުރިން ފުލުހުންގެ ތަހުގީގު ބަޔާނުގައިވެސް ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވެ އިއުތިރާފުވެއެވެ. ފުލުހުން މީގެކުރިން ބުނީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލާ ދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމް ބުނެފައި ވަނީ ކުރިން އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ފުލުހުން އޭނާއަށް މަސްތުވާ އެއްޗެހި ދީގެން މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.