ދިވެހި މަސްވެރިއަކު ބޭނި މަހެއް ނެގުމަށް އެހީތެރިވާން ދިޔަ މީހަކު ކަނޑަށް ވެއްޓޭ ވީޑިއޯއެއް އިއްޔެ ވަނީ އާންމު ވެފައެވެ.

ދިވެހި މަސްވެރިންގެ ވާހަކަތައް ހިއްސާ ކުރާ ހަސަން ސާޖިން ނުވަތަ ޓްވިޓާގައި މަޝްހޫރު ނަމުން ނަމަ "ޒުވާން މަސްވެރިއާ" ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައި ވާ އެ ވީޑިއޯގައި، މަހެއް ބޭނި މީހާއަށް އެހީތެރިވުމަށް އެހެން މަސްވެރިއަކު ދުވެފައި ގޮސް ދޯނީގެ ތުންފަތްމަތީގައި ފައިއަޅާ ތަނުން ކަހާލައިގެން މޫދަށް ވެއްޓޭތަން ފެނެއެވެ.

އަދި އެ ވެއްޓޭ މީހާ ނެގުމުގައި އެހެން މީހުން ހަރަކާތްތެރި ވެއެވެ. އޭނާ މޫދުން ނެގުމުގެ ތެރޭގައި އިތުރު ތިން މީހަކުވެސް ވެއްޓޭތަން ފެނެއެވެ. ދޯނީގެ މީހުންނަށްވެސް އެއީ މަޖާކަމަކަށް ވިކަން ވީޑިއޯއިން އެނގެއެވެ.

މަސް ބޭނުމުގައިވެސް އަދި މަސް ދޯންޏަށް ނެގުމުގައިވެސް ރައްކާތެރިވާން ޖެހެއެވެ. އެއީ މަޖާކަމަކަށްވީ ނަމަވެސް މިފަދަ ކަންކަމުގައި ސަމާލު ވާން ޖެހެއެވެ. ނޫންނަމަ މިފަދަ ކަމަކުން މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެއެވެ.