ހަފުތާ ފެށިގެން ދިޔައީ ޕާކިސްތާނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ކަރާޗީގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގާ، 7 މީހުން މަރުވެ 100އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ޚަބަރާއެކުގައެވެ. އާދީއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތުގައި ހިނގި މިހާދިސާއަށް އެތައް ގަޑިއިރެއް ވީއިރުވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނުހޯދެއެވެ.

މި ގޭސް ލީކުގެ ހާދިސާ، ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމުވީ ކީއްވެހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާލުން މުހިންމެވެ.

ކަރާޗީއަކީ ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގެ ވެރިރަށުގެ އިތުރުން މުޅި ޕާކިސްތާނުގައިވެސް އޮތް އެންމެ ބޮޑު ސިޓީއެވެ. މީގެ އިތުރުން ކަރާޗީއަކީ މުޅި ޕާކިސްތާނުގެ މައި ވިޔަފާރި ހަބެވެ.

ބައެއްގެ ފުރާނަ ގެއްލި އިތުރު އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓާލި ގޭސް ލީކުވުމުގެ ހާދިސާ ހިނގާފައިވަނީ ކިއަމާރީއޭ ކިއުނު ސަރަހައްދުގައެވެ. މިއީ ޕާކިސްތާނުގައި އޮޕަރޭޓްކުރާ ނިއުކްލިއާ ފެސިލިޓީއަކާ ދާދި ކައިރީގައި ހިނގި ހާދިސާއެކެވެ. ހަމަ އެހެންމެ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ. މި ހާދިސާއާއި ގުޅިގެން ކަރާޗީގެ ނިއުކްލިއާ ޕްލާންޓްގައި ކުއްލި ނުރައްކަލަތުގެ ހާލަތު އިއުލާންކުރިއެވެ. 7 ގަޑިއިރެއްހާއިރު މިކަން މިހާލަތުގައި އޮތުމުން، އިތުރު ބިރުވެރިކަމެއް އުފެދުނެވެ.

ޕާކިސްތާނުން ހިންގާ ނިއުކްލިއާ އޮޕަރޭޝަންތަކުގެ ރައްކާތެރި ކަމާމެދު ގިނަ ބައެއްގެ ހިތުގައި އަބަދުވެސް ސުވާލު އުފެދެއެވެ. މާޒީއަށް ބަލާއިރުވެސް މާ ރަނގަޅު ރެކޯޑެއް ނެތެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އުފެދޭ ކަންބޮޑުވުންތައް އޮއްބާލާފައި އޮންނަނީ ޕާކިސްތާނުން 'މޮޅު' ވާހަކަތަކެއް ދައްކައިގެންނެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ އޭރުގެ ދާހިލީ ވަޒީރު ގެންގުޅުއްވި ސިއްރު ސިޔާސީ ލިޔެކިއުމެއް އާންމުވިއިރު، އޭގައިވެސް އޮތީ ނުރައްކާތެރި މެސެޖެކެވެ. ޕާކިސްތާނުގެ ޕަންޖާބުގައި ހުރި ނިއުކްލިއާ ފެސިލިޓީއާއި ދާދި ކައިރީގައި، ޓެރަރިސްޓުންގެ ނެޓްވާކެއް ވަރުގަދަ ކުރަމުންދާ ކަމުގެ ވާހަކަ އެ ލިޔުމުން ސާފުކޮށް ފެންނަން އޮތެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާނު ހަނގުރާމަވެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޒީނިއުސްނެޓްވާކް

ޕާކިސްތާނުގައި އޮޕަރޭޓްކުރާ ހުރިހާ ނިއުކްލިއާ ފެސިލިޓީއެއްގެ ކޮންޓްރޯލް އޮންނަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ އަތްމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަންމިހެން އޮތްއިރު ޕާކިސްތާނުގެ އަސްކަރިއްޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ބައެއް ކަމަށް، ދެކުނު އޭޝިއާގައި އޮތް އަނެއް ނިއުކްލިއާ ބާރު ކަމަށްވާ އިންޑިއާއިން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. އިންޑިއާއިން ބުނާ ގޮތުގައި، މިއީ ޓެރަރިސްޓުންނަށް ނިއުކްލިއާ ހަތިޔާރާ ހަމައަށް ވާސިލުވެވެން އޮތް ފަސޭހަ މަގެކެވެ.

ޕާކިސްތާނުގައި މިފަދަ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު، އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ހަނު ހިމޭނުން ހުންނެވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުން އުފުލަންޖެހޭ ވަރުގެ ކަމެއް ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ.

އާދީއްތަ ދުވަހުގެ ރޭގެ ހާދިސާއާއި ގުޅިގެން ފެންމަތިވެފައިވާ މިފަދަ ބަހުސްތަކަށް ޕާކިސްތާނުން އަދި ރައްދެއް ދީފައެއް ނުވެއެވެ.