އައްޑޫ ސިޓީއަށް ގެންދާ މުދާ، އެ ސިޓީގެ ރައްޔިތުންނަށް ވިއްކާއިރު އަގުހެޔޮކޮށް މުދާ ވިއްކޭނެ ގޮތްތަކާއި ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ)އިން މަޝްވަރާ ކޮށްފިއެވެ.

އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އައްޑޫގެ ތަރައްގީ ގުޅިލާމެހިފައި ވަނީ ވިޔަފާރިއާއި ހިދުމަތުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ އޭޑީސީއިން އެމްޕީއެލްއާ އެކުގައި މަޝްވަރާކުރީ ރާއްޖެއިން ބޭރުން އައްޑޫ ސިޓީގެ ޕޯޓަށް ގެންދާ މުދާ އަގު ހެޔޮކަމާއި ފަސޭހަކަމާ އެކު ގެންދެވޭނެ ގޮތްތަކެއް ހޯދުމާ ގުޅޭ ގޮތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން އައްޑޫގައި ވިއްކާ މުދާ އަގުހެޔޮވާނެ ކަމަށެވެ. އަދި މުޅި ދެކުނަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެކުރިން އޭޑީސީއިން ވަނީ އިކޮނޮމިކް މިނިސްޓަރާ ބައްދަލު ކޮށްފައެވެ. އެއީ އައްޑޫގައި ޕޯޓު އެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

އޭޑީސީއަކީ 2012 އިން ފެށިގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރަމުން ދާ ކޮމިޓީކެވެ. އެ ކޮމިޓީން އަންނަނީ އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.