އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ދިމާކޮށް ކުރިއާލާ ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރުމަށް ފޯމު ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް ސާވިސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ޑީޖޭއޭން ވަނީ އިންތިހާބުގައި ކެންޑިޑޭޓުންގެ ގޮތުގައި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމަށްޓަކައި ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރުމަށް އެދި، ޑީޖޭއޭއަށް ފޯމު ހުށަހަޅާއިރު، އެ ފޯމު އީސީއަށް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހުގެ ކުރީ ދުވަހު މެންދުރު 12:00ގެ ކުރިން ޑީޖޭއޭއަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

ޑީޖޭއޭން ބުނީ، މިގޮތަށް މިކަން ހަމަޖައްސަން ޖެހުނީ، އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހުގައި ރިކޯޑް ސާފު ކުރުމަށް ހުށަހަޅާއިފިނަމަ، ކޯޓުތަކުން ރިކޯޑް ސާފުކޮށް އެ ތާރީހަށް ފޯމު ނިންމާ ހަވާލު ނުކުރެވިދާނެތީ ކަމަށެވެ.

ކުށާއި ދަރަނީގެ ރިކޯޑް ސާފު ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ޑީޖޭއޭ އިން ހުޅުވާލާފައި ވަނީ މިމަހު 5 ވަނަ ދުވަހުން ފެށިގެންނެވެ. އެ ފުރުސަތު ހުޅުވާލާފައިި ވަނީި އާދިއްތަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:30 އަށެވެ. އަދު ހުކުރު ދުވަހު މެންދުރު 2:30 އިން ހަވީރު 5:00 އަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:30 އަށް ވެސް ވަނީ މި ފުރުސަތު ހުޅުވާލާފައެވެ.