ޖުމްހޫރީ ޕާޓީގެ އޮފިޝަލް ވަޓްސްއެޕް ގްރޫޕުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ނުކުމެވަޑައިގެންފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ޖޭޕީގެ ވަޓްސްއެޕް ގްރޫޕުން އޭނާ ނުކުމެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ގްރޫޕުން ނުކުމެވަޑައިގަތީ ކޮން ސަބަބަކާ ހުރެ ކަމެއް ޖަމީލް ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރައީސް އަބްދުﷲ ޔާމީންގެ ޝާރީއަތުގެ މަސައްކަތްތަކަށް "ފޯކަސް" ކުރައްވާނެ ކަމަށެވެ. އަދި އިދިކޮޅަކީ އޭނާގެ ފަޅިކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ފަޅީގައި ހުންނަވާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ވަގުތު އައިސް ޖެހުނީމަ އެކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެކަމަކު މިހާރު އެކަހަލަ ކަމެއް ނެތް. ޖޭޕީން ނުކުތް ހަބަރަކީ އެއީ ރަނގަޅު ހަބަރެއް."
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖޭޕީގެ ވަޓްސްއެޕް ގްރޫޕުން ޖަމީލު ނުކުމެވަޑައިގެންފައި ވާއިރު، ދެން ޖަމީލު ގުޅިވަޑައިގަންނަވާނީ ޕީޕީއެމާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން ޖަމީލު ވަނީ ދޮގު ކުރައްވާފައެވެ. ޖަމީލު ވިދާޅުވީ، ޕީޕީއެމަށް ސޮއިކުރައްވާނީ ކޮން އިރަކު ކިހިނެއް ކަމެއް އަދި ވިސްނަވާފައި ނެތް ކަމަށެވެ.

މިއަދު ޑރ. ޖަމީލް ޖޭޕީގެ ގްރޫޕުން ނުކުމެވަޑައިގެންފައިވާ އިރު މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ، ވަޓްސްއެޕް ގްރޫޕުން ބޭފުޅަކު ނުކުތުމަކީ އެ ބޭފުޅަކު ވަކިގޮތަކަށް ކަންތައް ކުރައްވަން ކުރެއްވި ކަމެއް ކަމަށް ވިދާޅުވާން ދަތި ކަމަށެވެ. ސަބަބަކަށް އަލީ ސޯލިހް ވިދާޅުވީ ބޭފުޅަކު ފޯނު ރީސެޓް ކުރައްވައިގެން ވެސް ނުވަތަ ފޯނު ހަލާކުވެގެން ވެސް ވަޓްސްއެޕް ގްރޫޕުން ނުކުމެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ދާދި ފަހުން އާ ސީޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާ އިރު އެކަމުގެ ތެރޭގައި ޑރ. ޖަމީލު ހިމެނިވަޑައިގަންނަވާ ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ. އެގޮތުން އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވެފައި ވަނީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގުޅިވަޑައިގެން ސިޔާސީ ޕާޓިއެއް އުފައްދަވަން އުޅުއްވާ ކަމުގެ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަމަރު ނަސީރު ވިދާޅުވެފައި ވަނީ އިދިކޮޅު ހުރިހާ ސިޔާސީ ފަރާތައް އެކުވެގެން ވަރުގަދަ އޮޕޮޒިޝަންއެއް ނެރެން މަސައްކަތް ކުރުމަށް ވާހަކަ ދެކެވޭ ކަމަށެވެ. އަދި ފުރަތަމަ އިސްކަން ދޭނީ ޕީޕީއެމްގެ ލީޑާޝިޕް ވަރުގަދަކުރުމަށް ކަމަށާއި އެގޮތަށް އެކަން ނުވެއްޖެނަމަ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ކަމުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކޮން ސިޔާސީ ޝަހްސިއްޔަތުތަކެއް ކަމެއް އުމަރު ވިދާޅެއް ނުވެއެވެ.