ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ބައްޕަ އަވަހާރަވެއްޖެއެވެ.

ނާޒިމްގެ ބައްޕަ ރަޝީދު އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ނަން މަޝްހޫރު ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ޗެއާމަން ވެސް މެއެވެ. އަދި އެމްޓީީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ބައްޕައެވެ.

އަބްދުއްރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހެވެ.

އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މެންބަރުންނެވެ.

އަބްދުއްރަޝީދު އަވަހާރަވުމާއި ގުޅިގެން އާއިލާގެ އެންމެހާ ފަރާތްތަކަށް "ދަ ޕްރެސް" ގެ ތައުޒިޔާ ކިޔަމެވެ. އަދި އެމަރުހޫމްގެ ފުރާނައަށް ހެޔޮ ރަހުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.