އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދ. މީދޫގައި 83 އަހަރުގެ ދިވެހި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެނބުރި ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުގައި އޮއްވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 1:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ފިރިހެން މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.

ދ. މީދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައިވާއިރު، މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު އެ އަތޮޅު ކުޑަހުވަދޫން ވަނީ އުމުރުން 56 އަހަރުގެ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައެވެ. ކުޑަހުވަދޫ ހުޅަނގު ފަރާތު ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައިވާ ކަމަށް އެރަށުން މައުލޫމާތުދީފައިވެއެވެ.