ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާރުކޮޅު މައްޗަށް ފެން އެއްޗެއް ބަންޑުންކޮށްލީ ގަސްދުގައި ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ރައީސްގެ ކާރު ކޮޅު މައްޗަށް ހެންވޭރުގައި ހުރި އިމާރާތަކުން ފެން އެއްޗެއް ބަންޑުން ކޮށްލި ކަމަށް ބެލެވޭ މައްސަލައާއި ގުޅިގެން އެކަން ފުލުހުން ބެލި ބެލުމުން އެ ހާދިސާ ހިނގީ އެގޭ ޓެރެސް މަތީގައި ހުރި ގަސް ތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށް ކަމަށެވެ. އަދި އެއީ މީހަކު ގަސްތުގަ ކުރި ކަމެއް ނޫންކަމަށް ފުލުހުންގެ ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ރައީސް ކާރު ކޮޅު މައްޗަށް ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓްއަކުން ފެން އެއްޗެއް ބަންޑުންކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށްވަނި ހުށަހަޅާފައެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ.