ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ޝަރީފެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެނގިފައި ވަނީ ޝަރީފު އިސްތިއުފާ ދެއްވަން ނިންމެވި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމަށް އެކި ފަރާތްތަކުން އޭނާއަށް ދިޔައީ ޕްރެޝާ ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ޝަރީފު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޝަރީފް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނަވައިގެން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުންނަށްވެސް ހުށަހެޅިއެވެ. ޝަރީފު އޭރު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ބީއެމްއެލް ޖަވާބުދާރީ ކުރުވުމަށެވެ. ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަަމަށް ތަކުރާރުކޮށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ބޭންކުން އަމަލުކުރީ ގާނޫނާއި ގަވައިދުތަކާއި ބޭންކުން އަމަލުކުރަން ހުންނަ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން ނެތް ކަން ސާބިތުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ބޭންކުން ދެއްކި ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ. އެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ބޮޑު ޚިޔާނާތް ހިނގާފައި ވަނީ ބީއެމްއެލްގެ ވެސް ބައިވެރިވުން އޮވެގެންނެވެ.

ޝަރީފު ބީއެލްއެލްއަށް 25 އަހަރު ހިދުމަތް ކުރައްވާފައި ވެއެވެ.