ދިގުލާ ގޮސްފައިވާ ޖައްމުއާއި ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ހުށަހެޅުއްވި ޕްރޮޕޯސަލަށް އިންޑިއާއިން އިންކާރުކޮށްފިއެވެ.

އދގެ އެހީއަށް އިންކާރުކޮށް އިންޑިއާގެ ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އދއިން މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދީގެން ކުރަންވީ ކަމަކީ، ގަދަ ބާރުން، ޣައިރު ގާނޫނީ ގޮތެއްގައި ޕާކިސްތާނުން ވެރިވެގެންފައިވާ ބިންތަކުން އެމީހުން ބަލާ ހުސްކުރުން ކަމަށެވެ.

އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު ރަވިޝް ކުމާރު ވިދާޅުވީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއިން ގެންގުޅޭ ރޫހަކަށް އަދި ބަދަލެއް ނާދެއެވެ. ޖައްމުއާއި ކަޝްމީރަކީ ކުރިއެކޭވެސް އެއްގޮތަށް، ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މުހިންމު ބައެއް ކަމަށާ، ކުރިއަށް އޮތް ތަނުގައި އިތުރު މައްސަލަތަކެއް ފެންމަތިވެއްޖެނަމަ އެކަންކަމަކީ ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްގެން ހައްލުކުރާނެ ކަންކަންކަމަށާ، 3 ވަނަ ފަރާތެއްގެ ބައިވެރިން މިކަމަށް ބޭނުން ނުވާ ކަމަށްވެސް އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ރަވީޝް ކުމާރު ވިދާޅުވީ ސަރަހައްދީ އިން ހުރަސްކޮށް ޕާކިސްތާނުން އިންޑިއާއަށް އަމާޒުކުރަމުންދާ ޓެރަރިސްޓް ހަމަލާތައް ހުއްޓުމަކަށް ގެނެސް، ޖައްމުއާއި ކަޝްމީރުގެ ރަށްވެހިންވެސް ހިމެނޭ ގޮތަށް އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ މި މައްސަލައިން ގައުމު ސަލާމަތްކޮށްދިނުމަށް އދއިން މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ 4 ދުވަހުގެ ދަތުރުފުޅެއް ޕާކިސްތާނަށް ފައްޓަވާފައެވެ. ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީއާއިއެކު މި ދަތުރުފުޅުގެ ތެރެއިން ގުޓެރޭޒް ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ވިދާޅުވީ، ޖައްމުއާއި ކަޝްމީރުގެ މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަމާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ ހަތުރުވެރި ދެ އަވަށްޓެރިންގެ މެދުގައި އޮތް ހީނަރު ގުޅުމަށް ލުއެއް ހޯދުމަށާ، އަސްކަރީ ގޮތުންނާ ބަސްމަގުގެ ގޮތުން ދެގައުމު ދެމެދު ބަދަލުކުރާ ހަމަލާތަކަށް ލުޔެއް ގެނައުމަށްވެސް ގުޓެރޭޒް ވަނީ ހިތްވަރު ދެއްވާފައެވެ.

ޕާކިސްތާނާ އިންޑިއާއާއި ދެމެދު އުފެދިފައިވާ މައްސަލަތަކައް ހައްލު ހޯދުމަށް މަޝްވަރާތައް ފަށާނީ ޕާކިސްތާނުގައި މޫލާ، އުފެދި ފުޅާވަމުންދާ ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމުން ކަމަށް އިންޑިއާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.